މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ކްލަބް ވެލެންސިޔާއަށް ގެނައި ބަލްގޭރިޔާގެ ތިން ކުޅުންތެރިން ފޮނުވާލަން އެކުލަބުން ނިމުމާއެކު، އެތިން ކުޅުން ތެރިން މާޒިޔާ އަށް ބަދަލުވެއްޖެ އެވެ.

ވެލެންސިޔާއިން އެ ތިން ކުޅުންތެރިން ފޮވާލަން ނިންމީ އެކުލަބަށް މިވަގުތު ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ކަމަށް ކްލަބްގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.

މާޒިޔާގެ އިސް އޮފިޝަލަކު ސަންއާ ވާހަކަ ދައްކަމުން މިއަދު ބުނީ، ވެލެންސިޔާއަށް ކުޅުނު ބަލްގޭރިއާގެ ތިން ކުޅުންތެރިން ވެސް މިހާރު ވަނީ މާޒިޔާއާ ގުޅިފައި ކަމަށާއި އެގޮތުން ޓީމުގެ ފަރިތަކުރުން ތަކުގައި ވެސް އެ ތިން ކުޅުންތެރިން މިހާރު ބައިވެރިވަމުން އަންނަ ކަމަށެވެ.

"ވެލެންސިޔާއިން ދޫކޮށްލި ބަލްގޭރިއާގެ ތިން ކުޅުންތެރިން މިހާރު ވަނީ މާޒިޔާއާ ގުޅިފަ. އެ ތިން ކުޅުންތެރިންގެ ބޭނުން މާޒިޔާއަށް ހިފޭނެ. އެ ކުޅުންތެރިން ވެލެންސިޔާގައި ދެއްކި ކުޅުން ވެސް ރަނގަޅު." އޮފިޝަލް ވިދާޅުވި އެވެ.

ދިރާގު ދިވެހި ލީގުގައި މާޒިޔާ މިވަގުތު އޮތީ 21 ޕޮއިންޓާއެކު ދެ ވަނައިގަ އެވެ. އެއް ވަނަ މަގާމް ގައި އޮތީ 33 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.