13 Jun 2013, 14:44
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށް ވުރެ، އިތުރު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އިސްލާހު ހުށަހަޅުއްވައިފި އެވެ.
މަޖިލިސް މެންބަރުންގެ އަދަދު 77 އަށް ވުރެ އިތުރު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅާފައި ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލެ އާއި ހަ އަތޮޅަކުން އަށް މެންބަރުން އިތުރަށް އިންތިހާބުކޮށް، މަޖިލީހުގެ މެންބަރުންގެ އަދަދު 85 އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނިކޮށެވެ.
ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އަށް އާމިރު ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދަކީ އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް، 77 މެންބަރުންނެވެ.
ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ)ގައި މިހާރު ބަޔާންކޮށްފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ކަނޑައަޅަންވާނެ ކަމަށެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 5000 އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް ހޮވަންވާނެ ކަމަށް ބަޔާންކުރެ އެވެ.
އާމިރު ހުށަހެޅުއްވި އިސްލާހުގައި ގާނޫނު އަސާސީގެ 72 ވަނަ މާއްދާގެ (ހ) އަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެ އިސްލާހުގައި ވަނީ ކޮންމެ އިދާރީ ދާއިރާއަކުން މެއި، 28، 2009 ގައި އެކުލަވާލި ރައްޔިތުންގެ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިންތިހާބީ ދާއިރާތައް ވަކި އިންތިހާބީ ދާއިރާތަކެއްގެ ގޮތުގައި ކަނޑައަޅަންވާނެ ކަމަށެވެ. އަދި އެއިން ކޮންމެ އިދާރީ ދާއިރާއަކުން އިންތިހާބު ކުރާނީ މެންބަރެއް ކަމަށެވެ. އަދި 72 ވަނަ މާއްދާގެ (ނ) އުނިކުރުމަށް ވެސް އާމިރުގެ އިސްލާހުގައިވެ އެވެ.
އާމިރު ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު އިތުރު ނުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީއާއި ޕީޕީއެމްއާ ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ބޮޑު ދެ ޕާޓީގެ އިތުރުން އެހެން ޕާޓީތަކުގެ ތާއިދު އެ އިސްލާހަށް ލިބޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބާ ދިމާކޮށް ހުރިހާ ރިޔާސީ ކެނޑިޑޭޓުން ވެސް އެ ބުނަމުންދަނީ އެއްވާހަކައެއް. ރައްޔިތުންނަށް ލާބަޔާއި ފައިދާ ހުރި ގޮތްތަކެއް ފަހިކޮށްދޭނަމޭ. މިކަން މިގޮތަށް ފާސްވެދިޔުމަކީ ރައްޔިތުންނަށާއި ދައުލަތަށް ލިބޭނެ ލުޔެއް،" ގާނޫނު އަސާސީއަށް 2011 ވަނަ އަހަރު ވެސް އިސްލާހު ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ މެންބަރު ވިދާޅުވި އެވެ.
މަޖިލީހަށް މިއަދު ވެއްދި އިސްލާހުގައި މެންބަރުންގެ އަދަދު 77 ވުރެ އިތުރު ނުކުރުމަށް ބަޔާންކޮށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުން ބަދަލު ކުރަން ޖެހޭ ގާނޫނުތައް އިސްލާހުތަކެއް އަންނާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.