13 Jun 2013, 14:40
އިންސާނާ މަރުވުމަށް ފަހު މަހާނަ މައްޗަށް ފަސް އަޅައި މަހާނަ މަތީގައި ބަގީޗާ ހައްދައި އެ ތަނުގައި ފާޑުފާޑުގެ މާގަސް އިންދައި އަދި އެތަން ޒީނަތްތެރި ކުރުމުގެ ގޮތުން މަހާނަގާ ޖަހައި އެތަނަށް ހުރުމަތްތެރިކޮށް ހިތުމަކީ ދީނީ ގޮތުން ކޮންމެހެން ކުރާން ޖެހޭ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސަން އަށް ވިދާޅުވީ އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި އޭގެ އެންމެ މޮޅު އިތުރު ގޮތަކީ މައްޔިތާ ދެކެ ލޯބިވާ އެމީހާ އަށް ހެޔޮ އެދޭ އާއިލާގެ މީހުން މަރުވެފައި އޮތް މީހާ އަށް ހެޔޮދުވާ ކުރުން ކަމަށެވެ. އަދި އެމީހާ އަށް ހެޔޮދުއާ ކުރުމުގައި ވަކި ވަގުތެއް ނޯންނާނެ ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް އޭނާ އަށް ހެޔޮ ރަހްމަތް ލެއްވުން އެދި ދުއާ ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"...އަސްލުގައި މީހާ މަރުވުމަށް ފަހު އޭނާގެ މަހާނަ މަތީގައި ގަސް އިންދައި އެ ތަން ޒީނަތްތެރިކޮށް އަދި ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަންތަކެއް ނޫން. އޭގެ ބަދަލުގައި އޮންނަނީ މަރުވާ މީހާ މަރުވެ ދިއުމަށް ފަހު އޭނާ އަށް ހެޔޮދުއާ ކުރުން. އެހެން ވީމާ މަރުވެފައި އޮންނަ މީހާގެ އާއިލާ މީހުންނާއި އޭނާ ދެކެ ލޯބިވާ މީހުން ކޮންމެ ދުވަހަކު ކޮންމެ ވަގުތެއްގައި ވެސް ދުއާ ކުރެވޭނެ. އެކަން ހަމަ ކުރަންވީ،" ޝަހީމް ވިދާޅުވި އެވެ.
މާލޭ އާ ސަހަރާ ފުރިގެން މަހާނަތަކުގެ މައްޗަށް ކަޅުފަސް އަޅައިގެން އެ ތަނުގެ ޖާގަ އިތުރު ކުރާން މާލޭ ސިޓީ ކައުސިލުން ނިންމާފައި ވާތީ އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މާލޭގެ ޖާގަ ކުޑަ ކަމާއި ސަހަރާތަކުގެ ކުޑަކަމުގެ ސަބަބުން މަހާނަ މައްޗަށް އަލުން ވެލި އަޅައިގެން ޖާގަ އިތުރުކޮށްގެން މީހުން ވަޅުލުމަކީ އެ މަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އެއްވެސް މައްސަލައެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ އެއީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން ކަމަށާއި މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ސަހަރާތަކަށް ވެލި އަޅައިގެން މީހުން ވަޅުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކަމަކީ ދީނީ ގޮތުން ހަރާމު ކަމެކޭ ދަންނަވަން ދަތިފުޅު ކަމަށާއި އެކަން އެގޮތަށް ކުރަން މަޖުބޫރު ވަނީ މި ވަގުތުގެ ހާލަތު ނިޔާކުރާ ގޮތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.