13 Jun 2013, 14:09
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ސ. ހިތަދޫގައި ކޯލްޑް ސްޓޯރޭޖަކާއި އައިސް ޕްލާންޓެއް ބަހައްޓަން ބޭންކް އޮފް މޯލްޑިވްސް އިން ހަތަރު މިލިއަން ޑޮލަރުގެ (61.6 މިލިއަން ރުފިޔާ) ލޯނެއް ނަގަން ނިންމައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއްތޮލިބު މިއަދު ސަން އަށް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ހިތަދޫގައި ހިއްކާފައިވާ ސަރަހައްދުގައި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 100 ޓަނުގެ އައިސްޕްލާންޓެއް ބެހެއްޓުމަށް ހަ މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. އޭގެ ތެރެއިން ދެ މިލިއަން ޑޮލަރު ކުންފުނީގެ ބަޖެޓުން ހަރަދުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބޭންކުން ލޯނު ދޭން މިހާރު ވަނީ ނިންމާފައި. އަދި ލޯނު ލިބުމުން ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގައި މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވޭ. އަދި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިމޭނެ،" މުއްތޮލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯލްޑް ސްޓޯރޭޖްގެ ޓެކްނިކަލް ޑްރޯވިން އާއި ޑީޓެއިލް ޑްރޯވިން ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިންޓަނޭޝަނަލް ބިޑަށް ހުޅުވާލާނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
"އައިސް ޕްލާންޓްގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ކުރި އިއުލާނާ ގުޅިގެން ބީލަންތަކެއް މިހާރު ލިބިފައި އެބަހުރި. އޭގެ ތެރެއިން ބަޔަކު ވަރަށް އަވަހަށް ކަނޑައެޅޭނެ،" މުއްތޮލިބު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީން 23 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިތަދޫގައި 2007ވަނަ އަހަރު ހިއްކި ބިމުގައި ކޯލްޑް ސްޓޯރޭޖާއި އައިސް ޕްލާންޓް ހެދުމަށް ސުން ރޭޓުގައި ވަނީ އެ ބިން ކޫއްޑޫ ފިޝަރީޒަށް 15 އަހަރަށް ކުއްޔަށްދީފަ އެވެ.
އެ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮައިކުރުން އޮތީ މިދިޔަ އާދީއްތަ ދުވަހު ސ. ގަމުގަ އެވެ.