13 Jun 2013, 14:07
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ފުވައްމުލަކަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަ ޝުއޫރު ފާޅުކުރަމުން ގެންދިޔަ އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއިން، މީހަކު ފުލުހަކަށް މަރުގެ އިންޒާރުދީގެން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ވަހީދު ފުވައްމުލަކަށް މިއަދު ވަޑައިގެން ވަގުތު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއްވި މީހުންނާ އެކު އެމަނިކުފާނާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުން ދިޔަ ބަޔަކު އެ ސަރައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި އެ ސަރަހައްދުން ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެމީހާއާ ބެހޭ އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
"އެމީހުންގެ ތެރޭގައި ހުރި މީހަކު ހައްޔަރުކުރީ ފުލުހުންގެ ލައިން ފަޅާލާފައި ގޮސް، ފުލުހަކަށް މަރުގެ އިންޒާރުދީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން،" އޮފިޝަލް ވިދާޅުވި އެވެ.
ރައީސް ވަހީދު ފުވައްމުލަަކަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި އެމަނިކުފާނު ވާދަކުރެއްވުމަށް ފައްޓަވާފައިވާ ކެމްޕެއިންގެ ދަށުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. ރައީސް ވަހީދުގެ އަރިހުގައި އެމަނިިކުފާނާ އެކު އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.