ޖެމެއިކާގައި އޮންނަ އެތުލީޓް ހައި ޕާފޯމަންސްގައި ތަމްރީން ހަމަދަމުން އަންނަ ރާއްޖޭގައި މިވަގުތު ތިބި އެންމެ ބާރު ދެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދު އާއި އަޒްނީމް އަހުމަދު އެއް މަސް ދުވަހުގެ ޗުއްޓީއެއްގައި މިއަދު މާލެ އަތުވެއްޖެ އެވެ.

އެ ދެ ދުވުންތެރިން މިއަދު މާލެ އައުމުން ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް ވެރިންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަންގެ އިސް ވެރިން ވަނީ ސާއިދު އާއި އަޒުނީމަށް ވަރަށް ހޫނު މަރުހާބައެއް ކިޔައިފަ އެވެ.

އޮލިމްޕިކް ކޮމެޓީން ދިން ޓްރެއިނިން ސްކޮލާޝިޕެއްގެ ދަށުން ޖެމެއިކާގައި އެ ދެ އެތުލީޓުން ތަމްރީން ހަދަމުން އަންނައިރު ހަސަން ސާއިދު އަށް މިހާރު ވަނީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ސްކޮލާޝިޕް ވެސް ލިބިފަ އެވެ. މިއީ ރާއްޖޭގެ އެތުލީޓަކު އައިއޭއޭއެފް ސްކޮލާޝިޕަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.


ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސްކޮލަޝިޕަށް ކޮލިފައިވީ، މި މަހު ތިން ވަނަ ދުވަހު ޖެމެއިކާގައި ޖޭއޭއޭ ޑިވެލޮޕްމަންޓް މީޓުގެ 400 މީޓަރުގެ ދުވުމުގައި 47:48 ސިކުންތުން ރޭސް ނިންމުމުންނެވެ. މި ޓައިމިން އަކީ އައިއޭއޭއެފްގެ ޓްރެއިނިން ސްކޮލަޝިޕަށް ކޮލިފައިވާ ޓައިމިން އެކެވެ.


އައިއޭއޭއެފްގެ ސްކޮލަޝިޕުގެ ދަށުން ސާއިދު ތަމްރީން ހެދުމަށް ފުރުސަތު ހޯދާނީ މިހާރު ވެސް ތަމްރީން ކުރިއަށްގެންދާ ޖެމެއިކާ ނުވަތަ އެމެރިކާގަ އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން މިހާރު ވަނީ ސްކޮލާޝިޕަށް އެޕްލައިކޮށްފައެވެ.


ޖެމެއިކާގައި ހަދަމުންދާ ތަމްރީންތަކާ އެކު ސާއިދާއި އަޒްނީމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އެގޮތުން ސާއިދު ވަނީ ރާއްޖޭގެ 400 މީޓަރުގެ ދުވުމުގެ ގައުމީ ރެކޯޑް އެއް މަސް ތެރޭ ތިން ފަހަރަށް މުގުރާލައި އަދި 100 މީޓަރުގެ ރެކޯޑް މުގުރައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.