ވިކްޓަރީ ސްޕޯޓްސް ކުލަބުގެ 80 ޕަސެންޓް ކުޅުންތެރިންނަކީ ފެންވަރު ދަށް ކުޅުންތެރިން ކަމަށް އެޓީމުގެ ކޯޗު ވަލްޑަމީރު ގޮފާ ބުނެފި އެވެ.

ސަންއާ ވާހަކަ ދައްކަމުން ގޮފާ ބުނީ، ޓީމުގައި ފުޓްބޯޅަ ކުޅޭ ހިތުން ކުޅެން މަސައްކަތް ކުރަނީ މަދު ކުޅުންތެރިންތަކެއް ކަމަށާއި ބާކީތިބި ކުޅުންތެރިން މަސައްކަތް ކުރަނީ ޓީމުގެ އަގު ވައްޓާލަން ކަމަށެވެ.

"ޓީމުގެ 80 ޕަސެންޓް ކުޅުންތެރިންނަކީ ފެންވަރު ދަށް ކުޅުންތެރިން. އެކުޅުންތެރިން ވިކްޓަރީގެ ޖޯޒީ ލާން ލަނދުގަންނަން ޖެހޭނެ. ޓީމުގައި ފުޓްބޯޅަ ކުޅޭ ހިތުން ކުޅެން މަސައްކަތް ކުރަނީ މަދު ކުޅުންތެރިންތަކެއް،" ގޮފާ ބުންޏެވެ.

ގޮފާ ބުނީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދާއިރު، ބައެއްފަހަރު ވަރަށް އުދަގޫވާ ކަމަށާއި ކުޅުންތެރިން ގާތު ބުނާގޮތަކަށް ގިނަ ފަހަރު ހަދަނީ މަދު ކުޅުންތެރިން ތަކެއް ކަމަށެވެ. އެގޮތުން ގޯލްކީޕަރު ލެވަންޓްގެ އެކިކަހަލަ ޝަކުވާ ތަކާހެދި ދެންތިބި ކުޅުންތެރިންނަށް ވެސް އުދަގޫވާކަމަށް ގޮފާ ބުންޏެވެ.

"ލެވަންޓުގެ އުދާގޫ ބޮޑުވާހަކަ މިހާރު ވަނީ މެނޭޖްމަންޓާ ހިއްސާކޮށްފަ. ލެވަންޓަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އެކަމަކު އެހާ ޝަކުވާބޮޑު ކުޅުންތެރިން ޓީމުގައި ތިބޭނަމަ ދެންތިބޭ ކުޅުންތެރިންގެ ޝަކުވާތައް ވެސް އިތުރުވާނެ،" ގޮފާ ބުންޏެވެ.

ކުރިން ނިއު އާއި ހުރާއަށް ކޯޗުކޮށްދިން ގޮފާ ބުނީ ވިކްޓަރީއަކީ މީގެ ކުރީން ރާއްޖޭގައި އެކުލަބެއްގެ ނަން އެންމެ ވަރުގަދައަށް ވިދި އެއް ކުލަބު ކަމަށާއި އެކަމަކު މިހާރު އެ ނަން ފަނޑުވެގެންދާ ކަމަށް އޭނާ ބުންޏެވެ.