13 Jun 2013, 13:10
ނޭޝަނަލް މިޓިއޮރޮލޮޖިކަލް ސެންޓަރުން މޫސުމާ ބެހޭ މައުލޫމާތު އެއްކުރަން ހުޅުލޭގައި ބަހައްޓާފައި ހުންނަ ޑޮޕްލާ ރާޑާ ސިސްޓަމް ހަލާކުވެފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.
ސީނިއާ މިޓިއޮރޮލޮޖިކަލް ފޯކާސްޓާ ހުސެއިން ވަހީދު ވިދާޅުވީ ރާއްޖޭގެ 70 ޕަސެންޓް ސަރަހައްދު ކަވަރުކުރާ ރާޑާ ސިސްޓަމް ހަލާކުވުމުން މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މިއީ މިވަގުތު އަޅުގަނޑުމެންގެ އަތުގައި ހުރި ހަމައެކަނި ރާޑަރަކީ. ސިސްޓަމް ހަލާކުވުމުން މިހާރު ބޭނުންކުރަނީ ސެޓެލައިޓް ފޮޓޯތަކާއި ވެދާ މޮޑިއުލްތަކެއް،" އޭނާ ވިދާޅުވި އެވެ. "މިއީ ވަރަށް އަގު ބޮޑު އެއްޗެއް. މި ސަރަހައްދުގައި ވެސް ލަންކާގައި ވަރަށް ފަހުން މީގެ ރާޑާއެއް ބެހެއްޓީ."
ހުސެއިން ވިދާޅުވީ އެ ރާޑާ ސިސްޓަމް ބޭނުންކޮށްގެން ވިއްސާރަ ވިލާތައް ހުންނަ ސަރަހައްދާއި އެ ނޫން ވެސް މޫސުމާ ބެހޭ ވަރަށް ގިނަ މައުލޫމާތު އެއްކުރަމުން ގެންދިޔަ ކަމަށެވެ.
"އެ ރާޑާ ބޭނުންކޮށްގެން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ހުވަދު އަތޮޅާ ދެމެދު މޫސުމާ ބެހޭ މައުލޫމާތު އެއްކުރެވުނު. މިހާރު އެ ސިސްޓަމް ބޭނުން ނުކުރެވުނު ނަމަވެސް އަޅުގަނޑުމެން އަތުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން މައުލޫމާތު އެއްކުރަމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ.
ހުޅުލޭގައި އެ ރާޑަރު ބަހައްޓާފައި ވަނީ ސުނާމީގެ ފަހުންނެވެ.