01 Nov 2010, 09:25
ޝަންގުރިއްލާ އަށް ދަތުރު ކުރަނިކޮށް އަޑިއަށް ދިޔަ ދޯނިން ގެއްލުނު އިންޑިޔާ މީހާގެ ހަށިގަނޑު، އެ ހާދިސާ ހިނގިތާ ތިން ދުވަސް ފަހުން ކަނޑުއަޑިން ނެގައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފުގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ އަލީ މައަދު ވިދާޅުވީ 18 މީހުން ދަތުރު ކުރި ދޯނިން ގެއްލުނު އިންޑިއާ މީހާ ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ދޯނީގެ ވަތުތެރޭގައި މަރުވެފައި އޮއްވައި ކަމަށާއި އޭނާ އޮތީ ދޯނީގެ ވަތުގައި ހުރި ބަސްތާތަކުގެ ތެރޭގައި ތާށިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވަތުތެރޭގައި އޮތް އެ މީހާ މިއަދު ހެނދުނު 11:30 ހާއިރު ކަނޑުއަޑިން ނަގާފައިވާ ކަމަށާއި އެމީހާ ކަނޑު އަޑިން ނަގާފައި ވަނީ އެމްއެންޑީއެފާއި ދޯނީގެ ވެރިފަރާތުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކަނޑުއަޑީގައި އޮތުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ފޯވެ ހަލާކުވެފައިވާ ކަމަށާއި މިހާރު އޭނާ ވަނީ އައްޑު އަތޮޅު ފޭދޫގެ ހިނަވާ ގޭގައި ބާއްވާފައި ކަމަށެވެ.
އުމުރުން 26 އަހަރު އިންޑިޔާގެ އެ މީހާގެ ހަށިގަނޑު ދޯނީގެ ވަތުތެރޭގައި އޮއްވައި ފެނުނީ ހިލަ ބަސްތާތަކާ އެކު ކަނޑުއަޑީގައި އޮތް ދޯނި ފޭދު އަށް ގެންދިއުމަށް ދޯނީގެ ވެރިފަރާތުން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.