13 Jun 2013, 12:50
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ހައްޔަރުކުރުމުގެ ކޯޓު އަމުރަކަށް ފުލުހުން އެދިފައިވާ ކަމަށް "ސަން"އަށް ކަށަވަރުވެއްޖެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ރޭނިސް ސަލީމް ހައްޔަރުކުރުމުގެ ކޯޓު އަމުރެއް ހޯދުމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ވަނީ އެދިފަ އެވެ. ނަމަވެސް އެ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ކުރި އަމުރާ ގުޅިގެން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ވަނީ ކްރިމިނަލްގެ ކޯޓުގެ އަމުރަށް ތާއިދުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
ފުލުހުންގެ ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން މީގެ ކުރިން ވެސް ފުލުހުންގެ އިދާރާއަށް ސަލީމް ވަނީ ހާޒިރުކޮށްފަ އެވެ. އެފަހަރު ފުލުހުން ތުހުމަތުކޮށްފައި ވަނީ މާލޭގައި ހަރަކާތްތެރިވާ ގޭންގް ގްރޫޕެއް މެދުވެރިކޮށް އޭނާއަށް މީހަކު ދޭންޖެހޭ ފައިސާތަކެއް ހޯދަން އުޅުނު ކަމުގެ ތުހުމަތެވެ. ނަމަވެސް ސަލީމް ވިދާޅުވެފައިވަނީ އެފަދަ އެއްވެސް ގްރޫޕަކާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
ރޭނިސް ސަލީމަކީ ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.