13 Jun 2013, 12:46
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ހިންގާ ހިމާރާތުގެ ކުލި ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމަށް އިމާރާތުގެ ވެރިފަރާތްކަމަށްވާ ނޫރުލް ގުރުއާން މުހައްމަދު ފައުޒީ ސިވިލް ކޯޓުގައި ދައުވާ ކޮށްފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މުހައްމަދު ފައުޒީގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ.
ނޫރުލް ގުރުއާން މުހައްމަދު ފައުޒީ ކުރި ދައުވާގައި ބުނެފައި ވަނީ އިސްލާމިކް ފައުންޑޭޝަން ހިންގަމުން ދަނީ މުހައްމަދު ފައުޒީ ދިގުމުއްދަތަކަށް ކުށްޔައް ހިފައިގެން އިމާރާތްކޮށްފައިވާ ތަކެއްގައި ކަމަށެވެ.
އިސްލާމިކް ފައުންޑޭޝަން ހިންގުމަށް އެ އިމާރާތް ކުއްޔަށް ދީފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުއްޔާއި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ ކުލިވެސް އެ ޖަމްއިއްޔާ އިން ދައްކާފައި ނުވާކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.
އެ މަސްތަކުގެ ކުއްޔަށްވާ 82،000ރ. އާއި އެ ފައިސާ ލިބުނު ނަމަ ވިޔަފާރިކޮށްގެން ފައިދާގެ ގޮތުގައި މުހައްމަދު ފައުޒީ އަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ 68،500ރ. ގެ އިތުރުން އެމްވީޓީވީ ހިންގަން ދަރަނީގެ ގޮތުގައި އިސްލާމިކް ފައުންޑޭޝަނަށް އޭނާ ދީފައިވާ 12،000ރ. އާއި އެކު ޖުމްލަ 162،500ރ. ހޯދުމަށް ދައުވާގައި ފައުޒީ ވަނީ އެދިފަ އެވެ.