13 Jun 2013, 12:29
މަންމާފުޅަށް ބޮޑެތި އަނިޔާތަކެއް ދީ، އާއިލާ އަށް ބޮޑު ހިތާމައެއް ދީފައިވާ މީހުން ވެސް މި ސަރުކާރުގައި އެބަތިބި ކަމަށާއި އެމީހުން ބައިވެރިކޮށްގެން ސަރުކާރު ހިންގަނީ ގައުމާއިގެން ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅުވާތީ ކަމަށް ވިދާޅުވެ ޕީޕީއެމް އަށް ރައީސް މުހައްމަދު ވަހީދު ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
މިއީ ވެރިކަން ބަދަލުވިފަހުން ރައީސް ވަހީދު ޕީޕީއެމް އަށް ބަހުގެ ހަމަލާތަކެއް ދެއްވި ފުރަތަމަ ފަހަރެވެ.
ެރައީސް ވަހީދުގެ މަންފާފުޅު ނިސްބެވަޑައިގަންނަވާ ގދ. ތިނަދުއަށް ވަޑަައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އިތުރުފުޅު ހެއްދެވި ކަމަށް އެމަނިކުފާނުގެ މަންމާފުޅު ވިދާޅުވުމާ ގުޅިގެން މަންމާފުޅަށް ތަފާތު އަނިޔާތައް ދީފައިވާ ކަމަށެވެ. ވަހީދު ވިދާޅުވީ އެމަނިކުފާނުގެ މަންމާފުޅަކީ އެއްވެސް އިރެއްގައި ސިޔާސީ ބޭކަނބަލެއް ނޫން ކަމަށެވެ.
"އެއީ 1980ގެ ތެރޭގައި ދިމާވި ބައެއް ހާދިސާތަކުގެ ތެރޭގައި. އެނގިވަޑައިގަންވާނެ ފަދައިން އޭރުގެ ސިޔާސީ މަޝްރަހު އޮތް ގޮތުން ސަރުކާރާ ބެހޭ ގޮތުން އެއްޗެއް ބުނުމަކީ ވަރަށް ބޮޑު ކުށެއް. އަޅުގަނޑުގެ މަންމަ ޓީވީ ބަލަން އިނދެފައި މި ބުނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ (މައުމޫނު އަބްދުލްގައްޔޫމް) އެ ހެއްދެވީ ދޮގެކޭ. އެއާ ހިސާބުން ވަރަށް ހިތި ތަޖުރިބާތަކެއް ކުރަން ޖެހުނީ، އެފަކީރު ކޯޓަށް ދަމާ، މަގުމަތީގައި މީހުން އިސްތަށިގަނޑަށް ހިފައި ދަމާ، ބޮލަށް ކުޅުޖަހާ މިކަހަކަ ކިތަންމެ ދަށު ދަރައިގެ ކަމެއް ކުރަމުންގެންދިޔަ މާލޭގައި. އަޅުގަނޑުގެ މަންމައަކީ އެއްވެސް އިރެއްގައި ސިޔާސީ ކަމެއްގެ ތެރެއަށް ވަން މީހެއް ނޫން. މި ހިތި ތަޖުރިބާ އަޅުގަނޑުމެންގެ އާއިލީ އެއްވެސް މީހެއްގެ ހިތަކުން ފިލައިގެނެއް ނުދާނެ،" ރައީސް ވަހީދުގެ މަންމާފުޅަށް ދިމާވި ހާދިސާގެ ވާހަކަ ރައީސްގެ މަންމާފުޅުގެ ރަށުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ އެ އަނިޔާތަކަކީ އެ މަނިކުފާނުގެ އާއިލާގެ ހިތުން ދުވަހަކު ވެސް ފިލައިގެން ދާނެ ކަންކަން ނޫން ކަމަށާއި އެ އަނިޔާދިން މީހުނަށް ނިސްބަތްވާ މީހުން މި ސަރުކާރުގައި ބައިވެރިކޮށްގެން ވެސް ކުރިއަށް ދަނީ ގައުމައިގެން ކުރިއަށް ވަޑައިގަތުމަށް ބޭނުންފުޅުވާތީ ކަމަށެވެ. އަދި އެހެންމެ އެގޮތަށް ކަންކުރެއްވީ އޭރު ގައުމު އޮތް ހާލަތުގައި ގައުމައިގެން ކުރިއަށް ވަޑައިގެންނެވެން އެ އޮތީ އެ މީހުން ވެސް ބައިވެރިކޮށްގެން ކަމަށް ވާތީ ކަމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ.
"ގައުމަށް އިތުރު ދެރަ ކަމެއް ނައިސް ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދަން އެބަޖެހޭ. ﷲ ސުބުހާނަހޫ ވަތައާލާ އެކަން މިންވަރު ކުރެއްވި ގޮތަކީ އެ ވަގުތު އެކަމާ ހަވާލުވާން ގާނޫނީ ގޮތުން ހުރި މީހަކީ އަޅުގަނޑު. އެހެންވީމާ ރާއްޖޭގެ ގަނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން އެ މަގާމާ ހަވާލުވެ ގައުމައިގެން ކުރިއަށްދިއުމުގެ މަސައްކަތްފެށީ. ރާއްޖޭގެ ހާލަތު އޭރު އޮތް ގޮތުން އަޅުގަނޑަށް ޔަގީން ކުރެވޭ ގައުމައިގެން ދެވެން އޮތީ އެންމެ ގޮތަކަށް ކަން. އެއީ އަޅުގަނޑާ އެކީގައި އެއްކޮށް މަސައްކަތްކޮށްދެއްވާނެ ވީހާ ވެސް ގިނަ ބަޔަކާއި އެކީގައި މަސައްކަތް ކުރަމުން ގެންދިއުން. އެހެންވީމަ އޭރު އޮތް ހުރިހާ ސިޔާސީ ބޭފުޅުނަށް ދެންނެވި ތިޔަ ބޭފުޅުން ވަޑައިގަންނަވާށޭ. ވަޑައިގެން ސަރުކާރުގެ ކެބިނެޓްގައި ތިޔަ ބޭފުޅުން މަސައްކަތް ކޮށްދެއްވާށޭ. އޭގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އެ ހިތާމަކުރަން ޖެހޭ ކަންކަން ނިސްބަތްވާ ބޭފުޅުންވެސް ތިއްބެވި. އެކަން އަޅުގަނޑަށް ނޭނގޭތީއެއް ނޫން އެ ބޭފުޅުންނާއ އެކީގައި ކުރިއަށް މި ދަނީ،" ވަހީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އާއިލާއަށް ހިތާމަކުރިމަތިކުުރުވި މީހުނަށް ނިސްބަތްވެ ވަޑައިގަންނަވާ މީހުން މި ސަރުކާރުގައި ބައިވެރިކުރި ދުވަހުން ފެށިގެން މި އަދާ ހަމައަށް ވެސް އެ މަނިކުފާނާ ވާހަކަ ނުދައްކާ އާއިލާ މީހުން އެބަތިބި ކަމަށެވެ.
"އެކަން އަޅުގަނޑުމެންގެ ތެރެއިން ބައެއް ކުދިންނަށް ގަބޫލެއް ނުކުރެވުނު. ނަތީޖާއަކަށްވީ އެ ދުވަހުން ފެށިގެން އަދި އަދަދަށް ދާންދެން ވެސް އައިލާ ބައެއް ކުދިން އަޅުގަނޑަކާ ވާހަކައެއް ނުދައްކާ. އެގެތޭރެގެ ބައެއް ކުދިން އެބަތިބި މި ރަށުގައި ވެސް. އެހެންވީމާ އަޅުގަނޑު މި ދެންނެވީ މިރަށަށް އައުމުން އަޅުގަނޑުގެ އަނގައިގައި ލަނީ ފޮނި ހިތިރަހައެކޭ،" ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދުގެ މަންމާފުޅަށް އަނިޔާދީފައި ވަނީ ކުރީގެ ރައީސް މައުމޫނަށް ނިސްބަތްކޮށް ވިދާޅުވި ބަސްފުޅަކާ ގުޅިގެން ކަމަށް ވިދާޅުވި އިރު، ރައީސް ވަހީދުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ރައީސް މައުމޫންގެ ދެ ބޭފުޅުންނާއި މައުމޫނުގެ އާއިލީ ބައެއް ބޭފުޅުންނާއި އެމަނިކުފާގެ ޕާޓީގެ ގިނަ ބަޔަކު އެބަތިއްބެވެ.