13 Jun 2013, 11:14
ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީއަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
ސިވިލް ކޯޓުން އެ އަމުރު ނެރުނީ އިސް ފަނޑިޔާރު އަހްމަދު ޝަރީފްގެ ފަރާތުން އެފަދަ އަމުރަކަށް އެ ކޯޓުގައި އެދުމުންނެވެ.
ސިވިލް ކޯޓުގެ ވަގުތީ އަމުރުގައި ބުނެފައި ވަނީ އަހްމަދު ޝަރީފަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން އަހްމަދު ޝަރީފްގެ ހައްގަށް އުނިކަމެއް ލިބިދާ ފަދަ އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރު ކުރާ ކަމަށެވެ. އެ އަމުރުގައި ބުނެފައި ވަނީ އެ އަމުރަކީ އަހްމަދު ޝަރީފްގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ނިމެންދެން ނެރެފައިވާ ވަގުތީ އަމުރެއް ކަމަށެވެ.
ޝަރީފް ސަސްޕެންޑުކޮށްފައި ވަނީ އޭނާއާ ދެކޮޅަށް ހައިކޯޓުގެ ދެންތިބި ފަނޑިޔާރުން ހުށަހެޅި މައްސަލައެއް ބަލައި ނިމެންދެން ވަކިމުއްދަތެއް ނެތްގޮތަށެވެ.
އަހްމަދު ޝަރީފް ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާގައި އެދިފައި ވާނީ ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޝަރީފު ސަސްޕެންޑްކޮށްފައި ވަނީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި ކޮމިޝަންގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އަހްމަދު ޝަރީފްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މައިގަނޑު ހަތަރު ނުކުތާއެއް ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ޖޭއެސްސީ އަށް ހުށަހަޅާފައިވާ އިސް ފަނޑިޔާރުގެ މައްސަލައިގައި އިޖުރާއީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ސުއޫދު ވިދާޅުވި އެވެ.