އިންޑިއާ ކަނޑުގެ ސަރަހައްދުން 22 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް، ހާލުގައި ޖެހުނު ރާއްޖޭގެ ކާގޯ ބޯޓު އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުއްރަހީމް މިއަދު ސަން އަށް ވިދާޅުވީ އެޕޯލޯ ކުންފުނީގެ "އެމްވީ އޭޝިއަން އެކްސްޕްރެސް" އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ނަމަވެސް ބޯޓުން ދަތުރު ކުރިި މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އޭގައި ތިބި މީހުން ނަގާފައި ވަނީ އިންޑިއާގެ ނޭވީ ބޯޓަކަށް ކަމަށާއި ބޯޓުގައި ތިބި މީހުން ކޮޗިންނަށް ގެންދިއުމުގެ މަސައްކަތް އިންޑިއާގެ ނޭވީން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްވީ އޭޝިއަން އެކްސްޕްރެސް" ހާލުގައި ޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނުއިރު ވެސް އެ ބޯޓު ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްއެންޑީއެފަށް އިންޑިއާގެ ކޯސްޓްގާޑުން މައުލޫމާތު ދީފައި ވަނީ ބޯޓު ދިޔަވަމުންދާ ކަމަށް، އެހެން ކަމުގައިވާ ނަމަ ބޮޑަށް ބެލެވެނީ ބޯޓު އަޑިއަށް ދިޔައީ ދިޔަވެގެން ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 115 މޭލު ބޭރުން އެބޯޓު އަޑިއަށް ގޮސްފައިވާ އިރު އެ ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ 18 ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ "އެމްވީ އޭޝިއަން އެކްސްޕްރެސް" އަޑިއަށް ދިޔައީ ޕާކިސްތާނުގެ ކާރާޗީ ބަނދަރަކުން ހިލަޔާއި ހިލަވެލި ބަރުކޮށްގެން މާލެ އަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ބޯޓު ދިޔަވާން ފެށީ މީގެ ދެ ދުވަހެއް ކުރިން ބޯޓުގެ އިންޖީނު ހުއްޓިގެން، ބޯޓު އޮޔާދަނިކޮށް ބޯޓުގެ ބަނޑު ފިލައިން ތަނގަނޑެއް ފަޅައިގެން ދިއުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

6000 ޓަނުގެ ކާގޯ ބޯޓު އެހާދިސާ ހިނގުމާ އެކު އިންޑިއާގެ ކޯސްޓްގާޑު "ވަރުނަ" އެސަރަހައްދަށް ގޮސް މީހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.