ނުވަ ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގައި ރޭ ކުލަބް އީގަލްސްއާ ވާދަކޮށް 19 ޕޮއިންޓުގެ ތަފާތުން ޓީ-ރެކްސް ބާސްކެޓްބޯލް ކުލަބް މެޗު ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އެ މެޗް ޓީ-ރެކްސް އިން ކާމިޔާބު ކޮށްފައިވަނީ 87 ޕޮއިންޓް 68 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ދެ ކުއާޓާއާއި ފަހު ކުއާޓާގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް އީގަލްސްއަށް މެޗު ގެއްލެން ދިމާވީ ތިންވަނަ ކުއާޓާ ތަފާތު ބޮޑުކޮށް ޓީ-ރެކްސްއިން ނެގުމުންނެވެ.

ރޭގެ މެޗުގައި ޓީ-ރެކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ، 15 ޕޮއިންޓް ހޯދި އަހްމަދު ޒަބީރު އެވެ. އަދި އީގަލްސްގެ އިބްރާހީމް ނަސީމް އާއި ޔޫސުފް ޝާހް ވަނީ، ކޮންމެ ކުޅުންތެރިޔަކު 14 ޕޮއިންޓް ހޯދައިފަ އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީ-ރެކްސްގެ އެކަސޮމީ ކްރިސްޓޮފާ އެވެ.

ޓީ-ރެކްސްއާއި އީގަލްސް ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗް ކުޅެފައިވާއިރު، އީގަލްސް ދެ މެޗުންވެސް ވަނީ ބަލިވެފަ އެވެ. އަދި ޓީ-ރެކްސްވެސް ކުޅުނު ފުރަތަމަ މެޗުންވީ ބައްޔެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގައި މިއަދުވެސް ދެމެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހަވީރު 4:15ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ރެޑްލައިން ކްލަބާއި ދަ ބައުސް ސްޕޯޓްސް ކްލަބެވެ. އަދި ރޭގަނޑު 8:30ގައި ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ހަރިކޭން ބީސީ އެވެ.