އިސްތަންބޫލް (ޖޫން 13): ތުރުކީގެ އިސްތަންބޫލްގެ "ތަޤްސީމް" މައިދާނުގައި ހުންނަ ޣާޒީ ޕާކް ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ މެދު ވިސްނަމުންދާ ކަމަށް އެގައުމުގައި ވެރިކަން ކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީން ބުނެފި އެވެ.

އެޕާޓީގެ ތަރްޖަމާން ޙުސައިން ޖީލިކް ވިދާޅުވީ ޣާޒީ ޕާކް ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢު ބަދަލުކުރުމަށް މުޒާހަރާ ކުރާ ފަރާތްތަކުން ކުރިމަތިކުރާ ފިއްތުންތަކަށް ސަރުކާރުން ބޯނުލަނބާނެ ކަމަށާ އެމަޝްރޫޢު މިހާރު އޮތްގޮތަށް ތަންފީޒުކުރުމަށް ބޭނުންވާ ތުރުކީ ރައްޔިތުން ގެ ޢަދަދު ގިނަވާނެތީ މިކަމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަކީ މިކަމުގައި އޮތް އެންމެ ރަނގަނޅުގޮތް ކަމަށް ގަބޫލުކުރެވޭ ކަމުގަ އެވެ. ޖީލިކް މުޒާހަރާކުރާ މީހުންނަށް ގޮވާލެއްވީ "ތަޤްސީމް" މައިދާން ދޫކޮށް ދިޔުމަށާއި އެމީހުންގެ އެދުންތަކަށް ސަރުކާރުން ބޯނުލަނބާނެކަން ގަބޫލުކުރުމަށެވެ.
އަނެއްކޮޅުން ތުރުކީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ސުލްޙަވެރިކަމާ އެކު ޙައްލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެގައުމުގެ ރައީސް އަބްދުﷲ ގުލް ވަނީ ވިދާޅުވެފަ އެވެ. ނޫސް ވެރިންނަށް ދެއްވި ބަޔާނެއްގައި ގުލް ވިދާޅުވީ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖް ކުރާ ފަރާތްތަކުގެ މަންދޫބުންނާއި ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން އާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިގެން ދިޔަކަމީ އޭނާގެ ގައުމުގައި ޑިމޮކްރަސީ ފައްކާވެފައިވާކަން ހާމަވެގެން ދިޔަ ކަމެއްކަމުގަ އެވެ.

ތުރުކީގައިހުއްޓުމެއް ނެތި ކުރަމުންގެންދާ މުޒާހަރާތަކަށް 16 ދުވަސް ވެފައިވާއިރު މިއިޙްތިޖާޖްތަކުގައި ހަތަރު މީހަކު މަރުވެއެތައް ހާސް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިމާއްދީ ގެއްލުންތަކެއް ލިބިފައިވެ އެވެ. ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މައްސަލަ ސުލްޙަވެރިކަމާ އެކު ޙައްލު ކުރުމަށް ޓަކައި އިޙްތިޖާޖްކުރާ ފަރާތްތަކުގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)