13 Jun 2013, 09:43
ރާމަﷲ (ޖޫން 13) : ފަލަސްތީނުގެ ވެރިކަމުގެ އިދާރާ ހިންގުމަށް ބޭނުންވާ ފައިސާގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ކަމަށާއި ފަލަސްތީނުގެ މާލީ ހާލަތުއޮތީ އިފްލާސްވާ ހިސާބުގައި ކަމަށް ފަލަސްތީނުގެ އައު ސަރުކާރުން ބުނެފި އެވެ.
ފަލަސްތީނުގެ އައު ސަރުކާރުގެ ބޮޑުވަޒީރުގެ ނައިބު މުޙައްމަދު މުސްތަފާ ވިދާޅުވީ ފަލަސްތީނުގެ ސަރުކާރުގެ ދަރަނީގެ މިންވަރު، 4.2 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމުގަ އެވެ. އެހެންކަމުން އިތުރު ލޯންތައް ނެގުމުގެ ބަދަލުގައި އެތެރެއިންނާއި ބޭރުން ފައިސާ ލިބޭނެ އިތުރު ވަސީލަތްތައް ހޯދުމުގެ ޕްލޭނެއް އައު ސަރުކާރުން މިހާރު އެކުލަވާލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ އައު ބޮޑުވަޒީރު ޑރ. ރާމީ ހަމްދުﷲ ގެ ރިޔާސަތުގައި އިއްޔެ ވަނީ ރާމަﷲގައި ފަލަސްތީނުގެ އައު ކެބިނެޓްގެ ފުރަތަމަ ޖަލްސާ ބާއްވާފަ އެވެ. މި ޖަލްސާއަށް ފަހު ނެރުނު ބަޔާނެއްގައި ސަރުކާރުން ބުނެފައި ވަނީ ފަލަސްތީނުގެ ވެރިކަމުގެ އިދާރާއަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާ މިކަން ޙައްލުކުރުމަކީ މިވަގުތު އެޖެންޑާގެ އެންމެކުރީގައިވާ ކަންތައް ކަމުގަ އެވެ.
ފަލަސްތީނުގެ އެތެރެއިންނާއި ބޭރުން ފައިސާ ލިބޭނެ އިތުރު ވަސީލަތްތައް ހޯދުމަށް އައު ސަރުކާރުން އެކުލަވާލި ޕްލޭންގައި ޚަރަދު ކުޑަކުރުމާއި ޓެކްސް ނެގުމުގެ ނިޒާމް ހަރުދަނާކުރުމާއި އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތައް ހޯދުން ހިމެނިފައިވާ ކަމަށް ޚަބަރު ލިބެ އެވެ. ފަލަސްތީނުގެ ސަރުކާރަށް ގިނަ އެހީތައް ދެނީ ގަލްފުގެ މުއްސަނދި ޢަރަބި ގައުމުތަކުންނެވެ. ފަލަސްތީނަށް ޓެކްސްގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބައެއް ވެސް އިސްރާއީލުން ގެންދަނީ ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުން ފޭރިގަންނަމުންނެވެ.
ފަލަސްތީނުގެ އިޤްތިސާދު ރަނގަނޅު ކުރުމަށް ޓަކައި ޣައްޒާގެ އިޤްތިސާދާއި ފަލަސްތީނުގެ މައި އިޤްތިސާދު ގުޅާލުމާއި ޙަމާސް ޖަމާއަތާއި ފަތްޙު ޖަމާއަތާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އައު ބޮޑުވަޒީރު ރާމީ ޙަމްދުﷲ ވަނީ ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)