ޓޫރިސްޓުންގެ ކުރިމަތީގައި ދިވެހި މުވައްޒަފުން، ދިވެހި ބަހުން އެބައި މީހުންނަށް ރައްދުވާގޮތަށް ހަޑިހުތުރު ބަހުރުވައިން މުހާތަބްކޮށް ހެދުމަކީ ރާއްޖޭގެ ރިސޯޓުތަކުގައި އާއްމު ކަމެއް ކަމަށާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ އެހާ ޕްރޮޕެޝަނަލް ބައެއް ނޫން ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފި އެވެ.


ޓީމުގެ ނައިބް ރައީސް މައުރޫފް ޒާކިރު މިއަދު ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުން ބޭއަދަބީ ބަހުން ޓޫރިސްޓުންނާ މުހާތަބުކުރާ މައްސަލައަކީ އާއްމު ކަމެއް ކަމަށެވެ. އެކަން ހިންގަން މެދުވެރިވެފައި އޮންނަނީ ގިނަ ރިސޯޓްތަކުގައި ރިސޯޓްގެ މެނޭޖްމަންޓުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


 މައުރޫފު ވިދާޅުވީ އެކަންތައް ހައްލު ކުރުމަށް ޓީމުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު ވާހަކަދައްކާފައިވާނެ ކަމަށާއި އެހެން ނަމަވެސް ވަޒީފާއާ ބެހޭ ޤާނޫނަށް ހުރިހާ ފަރާތްތަކުން އަމަލް ނުކުރާ ނަމަ އެކަންކަން ހައްލުވެގެން ނުދާނެ ކަމަށެވެ.


"ސަތޭކަ އެތައް ރިސޯޓެއް އޮންނަ އިރު ކިތައް ރިސޯޓުންތޯ ވަޒީފާއާ ބެހޭ ޤާނޫނަށް އަމަލު ކުރަމުންދަނީ؟ މިއަދާ ހަމަ އަށް ވެސް ރިސޯޓްތަކުގައި ވަޒީފާއާ ބެހޭ ޤާނޫނަށް އަމަލު ކުރުވުމަށް ޓީމުން ކުރަމުން އަންނަ މަސައްކަތް ވަނީ ނާކާމިޔާބުވެފައި." މައުރޫފް ވިދާޅުވި އެވެ.


މައުރޫފު ވިދާޅުވީ ގިނަ ޒުވާނުން ބޭއަދަބީ ބަހުރުވައިން ވާހަކަ ދެއްކުމަކީ އާއްމު ކަމެއް ކަމަށާއި ހާއްސަކޮށް ރިސޯޓްތަކުގައި ޓޫރިސްޓުން ބައިވެރިކޮށްގެން ބާއްވާ އެކިއެކި ހަފްލާތަކުގައި އެފަދަ ބަސްތައް ބޭނުންކުރާކަން އެންމެންނަށް އެނގޭ ކަމަށެވެ.


މައުރޫފު ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންނަކީ އެހާ ޕްރޮފެޝަނަލް ބައެއް ނޫން ކަމަށާއި އެމީހުންނަށް ކުޑަވެގެން ވަޒީފާއާ ބެހޭ ޤާނޫނުން ލިބިދޭ ހައްގުވެސް ނޭނގޭ ކަމަށެވެ.  


"ބޭއަދަބީ ބަހުރުވައިން މުހާތަބު ކުރުން އެއީ އާއްމު ކަމެއް. އަދި އެކަން ޓީމަށް އެނގުނީ ވިލުރީފުގެ މައްސަލައާ ގުޅިގެން އެޖަމިއްޔާގެ ފަރާތުން ކޮށްފައިވާ ދިރާސާއަކުންނާއި ޓޫރިސް ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ގުޅާފައި އެ ޝަކުވާ ހުށަހެޅުމުން. އެ ފަރާތްތަކުން ބުނާ ގޮތުގައި ޓޫރިސްޓުންގެ ވެޑިން ޕާޓީތަކާއި ރިސޯޓްތަކުގައި ޓޫރިސްޓުން ބައިވެރިކޮށްގެން ބާއްވާ އެކިއެކި ހަފްލާތަކުގައި ވެސް އެފަދަ ބަހުރުވައިގެން ވާހަކަދެއްކުމަކީ އާއްމު ކަމެއް." މައުރޫފް ވިދާޅުވި އެވެ.


ވިލު ރީފު ރިސޯޓްގައި ހިނގައި ދިޔަ އެހާދިސާއާ ގުޅިގެން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ، ޓީމުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ނޫސް ބަޔާނެއްވެސް ނެރެފަ އެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ވިލު ރީފް ރިސޯޓް އެންޑް ސްޕާގައި ޓޫރިސްޓް ދެމަފިރިއަކަށް ރަމްޒީ ކައިވެންޏެއް ކޮށްދިނުމުގެ ތެރޭގައި އެދެމަފިރިންނަށް ނިސްބަތްވާ ގޮތަށް ދިވެހި ބަހުން ހަޑިހުތުރު ބަހުން މުހާތަބްކޮށް، މާތްވެގެންވާ އިސްލާމް ދީނާއި، ރާއްޖޭގެ ޤާނޫނު އަސާސީ އާއި ދިވެހި ގައުމަށް ހުތުރުވާ ފަދަ ގޮތަކަށް ކަންތައް ކޮށްފައިވާތީ އެ ނާތަހުޒީބީ އަމަލު، އެ ޖަމިއްޔާގެ ފަރާތުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.


އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި އެޖަމިއްޔާ އިން ދެކޭ ގޮތުގައި، ވިލު ރީފް ރިސޯޓުގައި ހިނގައިދިޔަ އެ އަމަލަކީ ރާއްޖޭގެ ޓޫރިޒަމުގެ ސިނާއަތަށް ލިބުނު ފޫނުބެއްދޭ ފަދަ ބޮޑު ގެއްލުމެކެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި އެކަންކުރި މުވައްޒަފުން އެކަނި ނޫން ކަމަށެވެ.


ޓޫރިސްޓުންގެ ކުރިމަތީގައި ހަޑިހުތުރު ބަހުރުވަ ބޭނުންކުރުމަކީ ރިސޯޓުތަކުގައި އާއްމުކޮށް ހިގަމުން އަންނަ ނުބައި އާދައެއް ކަމަށާއި އެކަންތައް އެގޮތަށް ހިނގަމުންދަނީ މުވައްޒަފުންނާއި މުއާމަލާތްކުރުމުގައި ރިސޯޓްތައް ހިންގާ ފަރާތްތަކުންނާއި މެނޭޖްމަންޓްތަކުގައި އިސްކޮށް ތިއްބަވާ ފަރާތްތަކުން އެފަދަ ބަހުރުވައިން އާއްމުކޮށް މުއާމަލާތްކުރަމުން ގެންދިއުމުގެ ސަބަބުން ކަމަށް ވެސް ޓީމްގެ އެ ނޫސް ބަޔާނުގައިވެ އެވެ.


ޓީމުން ނެރެފައިވާ އެ ނޫސްބަޔާނުގައި ވިލު ރީފް ރިސޯޓުގައި ހިންގި ހުތުރު އަމަލު ރައްޔިތުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެމައްސަލައަށް ހައްލެއް ހޯދުމަށް މަޖުބޫރު ކުރުވި ކަމަށްޓަކައި ޓީމް ގެ ފަރާތުން ވަނީ ދިވެހި ނޫސްވެރިނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ބުނެފައި ވަނީ އެފަރާތުން ދެކޭގޮތުގައި މައްސަލައެއް ދިމާވުމުން އެކަން ސިއްރުކުރުމުގެ ބަދަލުގައި އެކަމާމެދު މަސްވަރާކޮށް، ހައްލެއް ހޯދުމަކީ އެފަދަ މައްސަލަތައް ތަކުރާރު ނުވާނޭ ހަމައެކަނި މަގު ކަމަށެވެ.


ވިލު ރީފު ރިސޯޓްގައި ކުރި ޓޫރިސް ދެމަފިރިންގެ ރަމްޒީ ކައިވެނީގައި ބޭއަދަބީ ބަހުން މުހާތަބްކޮށްފައިވާ މައްސަލަ ބައިނަލް އަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް އައުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ އެދެމަފިރިންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެހާދިސާއާ ގުޅިގެން ވިލިރީފު ރިސޯޓްގެ މެނޭޖްމަންޓް ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ވެސް ވަނީ އެދެމަފިރިންގެ ކިބައިންނާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި އެކަމުގައި ބައިވެރިވި އެރިސޯޓްގެ މުވައްޒަފުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފަ އެވެ.


އެމައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ އެކަމުގައި އިސްކޮށް ހަރާކާތްތެރިވި އެރިސޯޓްގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފަ އެވެ.