18 Mar 2010, 14:12
19:00
ޓެކްސް ނެގުމާ ބެހޭ އިދާރީ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަޞްދީޤް ކުރައްވައިފި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ މި ބިލަކީ އަށެއް މާޗްގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެއް. މި ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު މިހާރު މިޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ސާއިއުކޮށްފަ އެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެކެވެ. އެ ޤާނޫނު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" އެމް.އައި.އާރު.އޭ ގެ ނަމުގައި ނަންދެވިފައިވާ މިނިވަން މުސްތަޤިއްލު ވަކި ޤާނޫނީ ޝަޚްޞެއް އުފެދޭނެ ކަމަށް އެޤާނޫނުގައިވެ އެވެ. އަދި އެތަނަކީ މެދުކެނޑުމެއްނެތި ހިނގަމުންދާނެ ގޮތެއްގައި އުފައްދާފައިވާ ތަނެއް ކަމަށާއި އެ ތަނަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ހޯދުމާއި، ލިބިގަތުމާއި، މިލްކުކުރުމާއި، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ތަނެއް ކަމަށްވެސް އެޤާނޫނުގައިވެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ"ގެ މައިގަނޑު މަޤްޞަދުތަކަކީ، ޓެކްސްއާބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި، ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުމާއި، ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމެވެ. އަދި ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި، ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުމާއި، އެމް.އައި.އާރު.އޭ އަށް ލިބިދީފައިވާ ބާރުތައް ބޭނުންކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން ހިމެނެ އެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސް ނެގުމާބެހޭ ޤާނޫނާއި ގަވާއިދާބެހޭ ފުރިހަމަ މަޢުލޫމާތުދީ، އެފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތްކުރުމާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޚަރަދު ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ރޭވުމާއި، ޓެކްސްއާބެހޭ އެންމެހައި ޤާނޫނުތަކުގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކްލެއިމް، ސްޓޭޓްމަންޓް، ނޯޓިސް ފަދަ ހުރިހާ ފޯމްތައް، އޭގައި ހުންނަންވާނެ މަޢުލޫމާތު ބަޔާންކޮށް ތައްޔާރުކުރުން އަދި ބޭނުންވެއްޖެ ހިނދެއްގައި އިޞްލާޙުތައް ގެނައުން ވެސް ހިމެނެ އެވެ. ހަމައެއާއެކު، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކްސް ނެގުމުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމާއި، ޓެކްސްއާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާދިނުން ވެސް އެއެތޯރިޓީގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅޭނީ މި ޤާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅޭ ޑިރެކްޓަރުންގެ ބޯޑަކުން ކަމަށާއި އެ އޮތޯރިޓީ އުފައްދާތާ 60 ދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑު އެކުލަވާލަންވާނޭ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެ ޤާނޫނުގެ ދަށުން އުފައްދާ އަދި މި ޤާނޫނާ އަދި އެހެންވެސް ޓެކްސްއާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުށަހެޅޭ ޓެކްސްއާގުޅޭ މައްސަލަތައް ބެލުމަށް "ޓެކްސް އެޕީލް ޓްރައިބިއުނަލް" އެއް މި ޤާނޫނު ތަޞްދީޤުކުރައްވާތާ 90 ދުވަހުގެ ތެރޭގައި އުފައްދަންވާނެކަމަށްވެސް އެ ޤާނޫނު ބުނެ އެވެ.