13 Jun 2013, 09:26
އެކި ވައިރަސްތައް ފޮނުވައި، އޮންލައިންކޮށް ކޮމްޕިއުޓަރުތަކަށް ހަމަލާދިނުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.
އައިޓީ ސެކިއުރިޓީގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ "ކެސްޕާސްކީ"ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޓަނެޓް މެދުވެރިކޮށް، ކޮމްޕިއުޓަރުތަކަށް އެންމެ ގިނައިން ހަމަލާދޭ 20 ގައުމުގެ ތެރެއިން 16 ވަނައިގާ އޮތީ ރާއްޖެ އެވެ.
ކެސްޕާސްކީގެ 2012 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ ތެރެއިން 47 ޕަސެންޓް މީހުންނަށް އޮންލައިން ހަމަލާތައް ކުރިމަތިވެ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއަކީ ނިސްބަތުން ގިނަ ބަޔަކު އިންޓަނެޓް ބޭނުންކުރާ ގައުމެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ 134860 މީހުން މިދިޔަ އަހަރު އިންޓަނެޓް ބޭނުންކޮށްފައިވެއެވެ. އެއީ ރާއްޖޭގެ އާބާދީގެ 34 ޕަސެންޓެވެ.
ކެސްޕާސްކީގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި އެ ކުންފުނީގެ ހިދުމަތް ހޯދާ ގައުމުތަކުގައި ކޮމްޕިއުޓަރަށް ދިމާވާ އެންމެ ގިނަ މައްސަލަތަކަކީ އިންޓަނެޓް މެދުވެރިކޮށް ފޮނުވާ އެކި އެކި ވައިރަސްތަކުގެ ސަބުން ކުރިމަތިވާ މައްސަލަތަކެވެ.
އެންމެ ގިނަ ހަމަލާ ކުރިމަތިވާ 20 ގައުމުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދެން ހިމެނޭ މިސަރަހައްދުގެ ގައުމުތަކަކީ ލިސްޓްގެ 7 ވަނައިގައި އޮތް ބަންގްލަދޭޝްއާއި 8 ވަނައިގައި އޮތް ސްރީލަންކާއާއި ނުވަ ވަނައިގައި އޮތް އިންޑިއާ ހިމެނެ އެވެ.