13 Jun 2013, 09:17
ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައި ތަފާތު ބަހަނާތައް ދެއްކުމަކީ ބައެއް ފަރާތްތަކުން ރާއްޖޭގައި މިހާރު ފަތުރަން އުޅޭ ސަގާފަތެކެވެ. މި ސަގާފަތް ރާއްޖޭގައި އާންމުވެފައިވާ މިންވަރަށް ބަލާއިރުގައި ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައިގެން 71 ފަރާތެއްގެ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.
ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ގަވާއިދުން ނުދައްކާ ނަމަ އެ ފަރާތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ ކަމާ ބެހޭ މުއައްސަސާތަކުން ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް ރާއްޖޭގައި އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ކަމާބެހޭ މުއައްސަސާތަކަށް ވެސް އެ މަސައްކަތް ކުރުމުގައި ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ޓެކްސް ނުދެއްކުމުން އެ ފަރާތަކާ މެދު ކަމާ ބެހޭ އިދާރާއަކުން ފިޔަވަޅު އެޅުމުން އެ މައްސަލައެއް ހުށަހަޅަނީ ޝަރުއީ ކޯޓަކަށެވެ. އެހިސާބުން އެ މައްސަލައިގައި ވަގުތީ އަމުރަކަށް އެދެ އެވެ. ހަމައެއާ އެކު ކޯޓުން ނެރޭ އަމުރަކީ އެ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން އެފަރާތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރެވެ.
ފުރަތަމަ ފަހަރަށް އެ އަމުރު ނެރެނީ ދަށު ކޯޓުން ނެވެ. ދައުލަތަށް ޓެކްސް ނުދައްކާ ފަރާތާ ދެކޮޅަށް އެ މައްސަލަ ނިމިއްޖެ ނަމަ ދެން އެ މައްސަލަ ހުށަހަޅަނީ ހައިކޯޓަށެވެ. އެކޯޓުން ވެސް ނެރޭ ވަގުތީ އަމުރެއްގެ ސަބަބުން ޓެކްސް ނުދައްކާ ފަރާތަކާ މެދު ފިޔަވަޅު އެޅުމުގެ ކަންތައް އޮންނަނީ ހުއްޓިފަ އެވެ. ދެން އެ ކޯޓުން ނިމުމުން އެ މައްސަލަ ހުށަހަޅަނީ ސުޕްރީމް ކޯޓަށެވެ. އެހެންކަމުން ޝަރުއީ ތިން މަރުހަލާ ނިމުން ލަސްވާތީ އެމީހަކާ މެދު ފިޔަވަޅު އެޅުމުގެ ކަންތައް އޮންނަނީ ލަސްވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓު ޓުއާސް މޯލްޑިވްސް އިން ހިންގާ ދެ ރިސޯޓު ކަމަށްވާ ހއ. އަލިދު އާއި އދ. ކުޑަރަށުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ދެއްކުމަށް ތަކުރާރުކޮށް އެންގުމުން ވެސް ދައްކާފައިނުވާކަން ފާހަގަކޮށްލެވެ.
އެ ދެ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްގެ ފައިސާގެ އަދަދު ހަތް މިލިއަން ޑޮލަރަށް އަރާފައިވާ އިރު ތަކުރާރުކޮށް އެންގުމުން ވެސް އެ ފައިސާ ދައްކާފައި ނުވާތީ ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ދެ ރިސޯޓުގެ އެގްރީމެންޓް ނެގުމަށް ފަހު އެ ދެ ރިސޯޓު ދައުލަތަށް ނެގުމަށް ނިންމާފަ އެވެ.
ޔޮޓު ޓުއާސް އިން ހިންގާ އދ. ކުޑަރަށް ރިސޯޓާ ހަވާލުވުމަށް މި މަހުގެ ކުރީކޮޅު އެ ރަށަށް ދިޔަ ޓޫރިޒަމް މިނިސްޓްރީގެ ޓީމަށް ހުރަސްއަޅައި ރަށަށް އެރިޔަ ނުދީ އެރަށުގެ މެނޭޖްމަންޓުން ވަނީ ފޮނުވާލައިފި އެވެ. އެކަމާ ގުޅިގެން އިތުރު ފިޔަވަޅުތައް އެޅުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދަނިކޮށް ދެން ފެނިގެންދިޔައީ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުން ކޯޓުން ވަގުތީ އަމުރެއް ނެރުނުތަނެވެ. ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ކޯޓުން އެ މައްސަލަ ނިމުމުގެ ކުރިން އެ ދެ ރިސޯޓުގެ އެގްރީމެންޓް ބާތިލް ކުރުމަށް އެއްވެސް ކަމެއް ނުކުރުމަށެވެ.
ކޯޓުން އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެމަތިން އެ ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. ދެން ކޯޓުން އެ މައްސަލަ ނިމޭނެ ދުވަހެއް ވެސް ނޭނގެ އެވެ. އެ މައްސަލަ ކޯޓުން ނިމެންދެން ދައުލަތަށް ޓެކްސް ނުދައްކައި ކިތަންމެ އަހަރެން ވަންދެން ރިސޯޓު ހިންގުމުގެ ބާރު ޔޮޓު ޓުއާސް އަށް ވަނީ ލިބިފަ އެވެ. އެކަމުގައި އެއްވެސް ފަރާތަކަށް އެޅޭނެ ފިޔަވަޅެއް ނެތެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވި ގޮތުގައި ކޯޓުން މައްސަލަތައް ނުނިމި ލަސްވާ ލަސްވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެކަމުގެ ސަބަބުން ޓެކްސް ނުދައްކައި ތިބުމުގެ ސަގާފަތް އާންމު ކަމަކަށްވެ ދައުލަތުގެ ހިންގުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
"ޕްރޮސެސް ދިގުވެން ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. މިގޮތަށް ކަންތައްވަންޏާ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައި ތަފާތު އެކި ބަހަނާ ދެއްކުމުގެ ސަގާފަތް ރާއްޖޭގައި އާންމުކަމަކަށް ވެގެންދާނެ އެވެ.
ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދުމަށް ޝަރުއީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރެވެން ހުރި މަސައްކަތްތައް މީރާ އިން ގެންދަނީ ކުރަމުންނެވެ. ނަމަވެސް ޝަރީއަތަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ދިގުދެމިގެން ދިޔުމަކީ މީރާ އިން ވެސް އެންމެ ކަންބޮޑިވާ މައްސަލައެވެ.
މީރާގެ ޑިރެކްޓަރު ޖެނެރަލް އޮޑިޓް އެންޑް ފައިނޭންސް ފަތުހުﷲ ޖަމީލު ވިދާޅުވި ގޮތުގައި ދަށު ކޯޓަށް އެ އޮތޯރިޓީން ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވަމުންދާ އިރު، އެ ކޯޓު މަރުހަލާ ނިމި މަތީ މަރުހަލާގެ ކޯޓުތަކަށް މައްސަލަ ހުށަހެޅުމުން ވެސް އެތަކެއް ދުވަސް ވަންދެން މައްސަލަ ނުނިމި ދިގުދެމިގެންދެ އެވެ. އެހެންވުމުގެ ސަބަބުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް މީރާ އިން ކުރަމުންގެންދާ މަސައްކަތަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވެ އެވެ.
"ދަށު ކޯޓަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ ކޯޓުން އެ މައްސަލަ ނިމުމުގައި ވަރަށް ދިގު މުއްދަތެއް ހޭދަވާކަން ފާހަގަ ކުރެވޭ. އަދި ދަށު ކޯޓުން މައްސަލަ ނިމި މަތީ މަރުހަލާގެ ކޯޓަށް ހުށަހެޅުމުން އަނެއްކާ ވެސް މައްސަލަ ނިމެނީ އެތަކެއް ދުވަސް ފަހުން. އެހެންވީމަ ޝަރުއީ މަރުހަލާގައި މައްސަލަތައް ނުނިމި ދިގު ދެމިގެންދިޔުމަކީ މީރާ އިން ކަންބޮޑުވާކަމެއް،" ފަތުހުﷲ ވިދާޅުވި އެވެ.
ޓެކްސް ނުދައްކައި ތަފާތު އެކި އެކި ބަހަނާތައް ދައްކައި އެ މައްސަލައެއް ކޯޓުތަކަށް ހުށަހަޅުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ލިބިފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނުނުތަކުން އެ ފުރުސަތު ދެވިފައި ވާތީ އެވެ. އެހެންކަމުން އެކަން އެގޮތަށް ނުވާނޭހެން ގާނޫނު އަސާސީ އާއި ގާނޫނުތައް އިސްލާހު ކުރުމަކީ ގާނޫނު ހަދަންތިބި ފަރާތްތަކުގެ ޒިންމާ އެކެވެ.
މިލިއަން ޑޮލަރުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައި ތިބޭ ފަރާތްތަކަށް އެގޮތަށް އެކަން ނުކުރެވޭނެ ގޮތަށް ގާނޫނުތަކަށް އިސްލާހު ނުގެނެސްފި ނަމަ ޓެކްސް ނުދައްކާ މައްސަލައަށް ހަލެއް ގެނެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގާނޫނު ހަދަން ތިބި ފަރާތްތަކުން ވެސް މިކަމަށް މިކަމަށް ވިސްނާވަޑައިގެން މިކަމުގައި އަލިމަގެއް ހޯދައިދިނުމަށް ތެދުވާން ވެއްޖެ އެވެ. އެހެންނޫނީ ޓެކްސް ނުދައްކާ މައްސަލަ ހައްލު ނުކުރެވި ދުވަހެއް ދުވަހަކަށް މިކަންތައް ގޯހުން ގޯހަށް ވެގެން ދިޔުމަކީ ކައިރީގައި އޮތްކަމެކެވެ.