ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނުވަދިހައިގެ އަހަރުތަކުގެ ތެރެއިން ކޮންމެވެސް އަހަރަކު ހެންވޭރު ބޯޅަ ދަނޑުގައި ފެންސީ ޑްރެސް ފުޓުބޯޅަ މުބާރާތެއް ބޭއްވިއެވެ. މި މުބާރާތުގައި ކުޅުނީ ޖުމުލް ދެ ޓީމެވެ. ދެ ޓީމުގައި ވަރަށް މަޝްހޫރު ބޭބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. އޭގެ ތެރޭގައި މުލީ ޞާދިޤާއި، ރަތް ނިޒާރާއި، ބެންހާގޭ ޙަބީބު ފަދަ ބޭބޭފުޅުން ހިމެނެއެވެ. މެޗުގެ ރެފްރީއަކީ މަޝްހޫރު ފީބޯ އަޙްމަދު މަނިކެވެ. ހެންވޭރު ދަނޑުގައި ފުރަތަމަ ހާފު ކުޅުމަށް ފަހު ދެވަނަ ހާފު ކުޅުނީ މާފަންނު ހިއްކި ތާނގައެވެ. އެއީ މިހާރު މާފަންނުގައި ދަނޑުތައް އަޅާފައި އެ އޮތް ސަރަޙައްދެވެ. މިހެން ހަދަން ޖެހުނު ސަބަބެއް ކަމަށް ރެފްރީ ފީބޯ އަޙްމަދު މަނިކު ވިދާޅުވީ ކީކޭ ކަމަށްތޯއެވެ؟ ހެންވޭރު ދަނޑު އެއް ފަރާތަށް ތަންކޮޅެއް އަރިވެފައި އޮންނަ ކަމަށް ރެފްރީއަށް ފާހަގަ ކުރެއްވުނީއެވެ.

މެޗު ކުޅެމުން ދިޔަ އިރު ދިވެހިރާއްޖޭގެ އަޑުން ވަގުތުން ކޮމެންޓްރީ ފޮނުވަމުން ގެންދިޔައެވެ. ކޮމެންޓޭޓަރުން ގެންދިޔައީ ކުޅުންތެރިންނާއި، ރެފްރީއާވެސް ވާހަކަ ދައްކަމުންނެވެ. ދެ ޓީމުގެ ކުޅުންތެރިންގެ ފެންވަރާ ބެހޭ ގޮތުން ރެފްރީ ދޭތެރެ ދޭތެރެއިން ވާހަކަ ދައްކަވަމުން، މަޢުލޫމާތު ދެއްވަމުން ގެންދެވިއެވެ. މި ގޮތުން ދެއްކެވި އެއް ވާހަކައެއްގެ ތެރޭގައި ރަތް ނިޒާރުގެ މޮޅު ވާހަކަ ދައްކަވަމުން ރެފްރީ ފީބޯ އަޙްމަދު މަނިކު ބުނުއްވިއެވެ. [ރަތް ނިޒާރަކީ ވަރަށް މޮޅު ކުޅުންތެރިއެކެވެ. މަގާމު ފާހަގަ ކުރަން އެހައި މޮޅު ކުޅުންތެރިއަކު ނުހުންނާނެއެވެ. މަގާމު ފާހަގަ ކުރަން އޭނާ މޮޅު ވަރަކީ އެ ހުރި ތަނުން ހަމަ އެއް ގޮތަކަށްވެސް ގުޑައެއް ނުލާނެއެވެ.]

މިއީ ރާއްޖޭގެ ސިޔާސީ މަސްރަޙުން އަޅުގަނޑުމެންނަށް ފެންނަ މަންޒަރެކެވެ. މިކަން ފެންނަނީ [އަގެއް ނެތް] އާދައިގެ ރައްޔިތުންގެ ތެރެއިންނެވެ. [އަގު ހުރި] ބޮޑެތި ބޭފުޅުން އެހައި ބޮޑަކަށް މަގާމު ފާހަގަ ކުރައްވާކަށް ނުޅޫއްވައެވެ. މި ޒަމާނުގެ ފުޓުބޯޅައިގައި ކުޅުންތެރިން ބަދަލުވާ ގޮތަށް [އެއް ޓީމުން އަނެއް ޓީމަށް] ބަދަލުވެ ވަޑައިގަންނަވަނީ ވަރަށް އަވަހަށެވެ. ގައުމީ ލޯތްބާއި، ރައްޔިތުންނަށްޓަކައި ހިތްޕުޅުގައި އޮންނަ ވަރުގަދަ ކުލުނެއްގެ ސަބަބުންނެވެ. ޓީމު ބަދަލު ކުރެއްވީމާ އާދައިގެ މީސްމީހުން ދައްކާ ވާހަކައަކީ އަގެއް ހުރި ވާހަކައަކަށް ނުވެއެވެ.

ބޮޑެތި ބޭބޭފުޅުން ޓީމު ބަދަލު ކުރެއްވިޔަސް އަޅުގަނޑުމެން އާދައިގެ ރައްޔިތުން ތިބީ އެހެންނެއް ނޫނެވެ. އަޅުގަނޑުމެން ތިބީ ރަތް ނިޒާރު ފަދައިން މަގާމު ފާހަގަ ކޮށްގެންނެވެ. މިއީ މިހާރަކު އަލަށް ފެށިގެން އުޅޭ ކަމެއް ނޫނެވެ. އަޅުގަނޑު މި ދަންނަވާ ވާހަކައިން ބައެއް ބޭފުޅުން ނުރުހުންވެ ވަޑައިގެންފާނެއެވެ. އެހެންނަމަވެސް މި ދަންނަވަނީ އެނގެން ހުރި ޙަޤީޤަތެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރީ ރައީސަކީ މުޙައްމަދު އަމީނެވެ. މުޙައްމަދު އަމީނުގެ ދައުރުގައި ރާއްޖެއަށް ކުރިއެރުންތަކެއް އައިކަން އެއީ ޙަޤީޤަތެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތަދު ދުވަސްވަރު މުޙައްމަދު އަމީން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެއްވި މަސައްކަތްޕުޅަކީ އޭގެ މިސާލެއް އޭގެ ފަހުން ފެންނާން ނެތްވަރުގެ މަސައްކަތްޕުޅެކޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް މުޙައްމަދު އަމީނުގެ ދައުރުގައި ކޮރަޕްޝަނެއް ނެތޭ، ސަރުކާރުން ވިޔާނުދާ ކަމެއް ނުކުރެއޭ ބުނުމަކީ މުޅީން ތެދު ވާހަކަ އަކަށް ނުވާނެއެވެ. ސޯސަންގެއާއި، ބިއްލޫރިޖެހިގޭގެ ވާހަކައަކީ ދިވެހިން ދަންނަ ވާހަކައެކެވެ. ސަރުކާރުގެ ޚަރަދުގައި އެ ދެގެ އަޅުއްވާފައި އަމީން ގާތް ބޭފުޅުންނަށް ދެއްވި ވާހަކައަކީ ސިއްރު ވާހަކައެއް ނޫނެވެ. މި ނޫނަސް މިފަދަ އެތައް ވާހަކައެއް ދެއްކިދާނެއެވެ. އެކަމަކު މިހާރުވެސް މުޙައްމަދު އަމީނަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވަނީ އެމަނިކުފާނުގެ ދައުރަކީ ދިލައެއް މިލައެއް ނެތް ދައުރެއް ކަމުގައެވެ. މަގާމު ފާހަގަ ކުރުމުގެ މިސާލެކެވެ.

ދެން ވެރި ކަމަށް ވަޑައިގަތީ އިބްރާހީމް ނާޞިރެވެ. އެ މަނިކުފާނުގެ ވެރިކަމުގައިވެސް ދިވެހިރާއްޖެ ވަނީ ތަރައްޤީގެ މަގުގައި އެތައް ރާސްތާއެއް ކަޑައްތު ކޮށްފައެވެ. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓާއި، އިނގިރޭސި ތަޢުލީމުގެ ފެށުމާއި، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވުން އޭގެ ތެރޭގައި ހިމެނެއެވެ. އެހެންނަމަވެސް ނާޞިރުގެ ދުވަސްވަރަކީ ވެސް ކޮރަޕްޝަން ނެތް ދުވަސްވަރެކޭ ނުބުނެވޭނެއެވެ. ކޮރަޕްޝަން ވަރަށް ބޮޑަށް އޮތެވެ. އަނިޔާވެރިކަން އޮތެވެ. ސިޔާސީ ކުށްވެރިންނަށް ލަގާ ދިނުންވެސް އޮތެވެ. ނާޞިރު ވެރިކަން ދޫކޮށްލެއްވި އިރު އެމަނިކުފާނުގެ ފަންސާސް އެތައް ގޯއްޗެއް އޮތެވެ. ސަރުކާރުން ހިންގި ސިނަމާ ކަމަށްވާ އޮލިމްޕަސް ބައްލަވައިގަތީ ނާޞިރެވެ. ޖަލުގައި ހީރާ ރަޝީދު މަރައިލެވުނީ ނާޞިރުގެ ވެރިކަމުގައެވެ. މި ދެންނެވީ ނާޞިރު ޖަލަށް ވަޑައިގެން ރަޝީދު މަރައިލެއްވި ވާހަކައެއް ނޫނެވެ. ވެރިކަމުގެ ދައުރުގައި ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހިނގާ ކަންކަމަށް އޭރަކު ވެރިކަމުގައި ހުންނެވި ބޭފުޅަކު ޒިންމާ ވާން ޖެހެންޏާ ދެއްކޭނެ ވާހަކައަކަށް މި ވާހަކަ ވެސް ވާނެތާއެވެ. އެކަމަކު ނާޞިރަކީ ދުވަހަކުވެސް ކުށެއް ނުކުރައްވާ މަޢުޞޫމް ބޭފުޅެއް ކަމަށް ގަބޫލުފުޅު ކުރައްވާ ބޭފުޅުން މިއަދ ުވެސް ތިއްބެވީ ހަމަ އެ ޢަޤީދާގައެވެ. މަގާމު ފާހަގަ ކުރުމުގެ މިސާލެކެވެ.

ނާޞިރަށް ފަހު ވެރި ކަމަށް ވަޑައިގަތީ މައުމޫނު ޢަބްދުލްޤައްޔޫމެވެ. މައުމޫނުގެ ވެރިކަމުގައިވެސް ރާއްޖެ ތަރައްޤީ ވެފައި ވަނީ ވަރަށް ބޮޑަށެވެ. ތިރީސް އަހަރުން ތަރައްޤީވާން ޖެހޭ ވަރަށް ނުވެއޭ ބުނެ ކުރާ ބަހުސަކީ އެހެން ބަހުސެކެވެ. އެކަމަކު ތަރައްޤީ ވީކަން އެއީ ރީތިކޮށް ފެންނާން އޮތް ޙަޤީޤަތެކެވެ. އެކަމަކު ކޮރަޕްޝަނާއި، އަނިޔާގެ ޢަމަލުތައް މައުމޫނުގެ ދައުރުގައި ހިނގާފައިވާކަން އެއީ ކަށަވަރު ކަމެކެވެ. އެއަރ މޯލްޑިވްސްގެ މައްސަލައަކީ މީގެ އެއް މިސާލެވެ. އީވާން ނަސީމް ޖަލުގައި މަރާލި މަރާލުމަކީ އަނިޔާގެ މިސާލެކެވެ. ސިޔާސީ ކުށްވެރިންގެ ގޮތުގައި އެތައް ބަޔަކު ޖަލަށް ލައި އަދަބު ދިން ދިނުމަކީ ޙަޤީޤަތެކެވެ. އެކަމަކު މައުމޫނަކީ ހުދު ކަފަކޮޅެއް ކަމަށް ސިފަ ކުރައްވާ ބޭފުޅުން މިހާރުވެސް ގެންދަވަނީ ހަމަ ގޮތަށް ސިފަ ކުރައްވަމުންނެވެ. މަގާމު ފާހަގަ ކުރުމުގެ މިސާލެކެވެ.

ދިވެހިރާއްޖޭގެ ހަތަރުވަނަ ރައީސަކީ މުޙައްމަދު ނަޝީދެވެ. ނަޝީދުގެ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި އެދެވޭ ރަނގަޅު ކަންތައްތަކެއް ކުރައްވައިފައި އެބަހުއްޓެވެ. ޓެކްސް ނަގަން ފެށުން އެއީ އަޅުގަނޑު ފާހަގަ ކުރާ ވަރަށް ރަނގަޅު ކަމެކެވެ. ދަތުރުފަތުރުގެ ނިޒާމުގެ ނަމުގައި ނަޝީދު ފެއްޓެވި މަޝްރޫޢަކީ [ކުޑަކޮށް އުކުނޑި ކޮށްޓި ނަމަވެސް] ރަނގަޅު މަޝްރޫއެކެވެ. އަދި އެކަށިގެންވާފަދަ ކާމިޔާބީއެއް ހޯދައިފައިވާ މަޝްރޫއެކެވެ. މުސްކުޅިންނަށް ދޭން ފެއްޓި ޢިނާޔަތަކީ ތަޢުރީފު ކުރަން ޖެހޭފަދަ ޢިނާޔަތެކެވެ. އެކަމަކު ނަޝީދުގެ ތިން އަހަރުގެ ތެރޭގައިވެސް ވިޔާނުދާ އެތައް ކަމެއް ވަނީ ހިނގައިފައެވެ. ނަޝީދުގެ ސަރުކާރުގެ ކަންތައްތަކުގެ ވާހަކަ ތަންކޮޅެއް ދިގުކޮށް ލިޔާން ފަސޭހަ ވާނެއެވެ. އެއީ އިހަށް ދުވަހުގެ ކަންތައްތަކެއް ކަމަށް ވާތީއެވެ. ނަޝީދުގެ ވެރިކަމުގައި ޕާޓީ މީސްމީހުންނަށް އެކި ކަހަލަ މަޝްރޫޢުތައް ދީފައިވަނީ ޤާނޫނުތަކާ ޚިލާފަށް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ފާހަގަ ކޮށްފައެވެ. ދީނީ ގޮތުން ބަލާއިރުވެސް ނޭދެވޭ އެތައް ކަމެއް ވަނީ ހިނގައިފައެވެ. ފަނޑިޔާރަކު ހައްޔަރު ކުރެއްވި ކުރެއްވުމަކީ ޤާނޫނާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް ގަބޫލު ނުކުރާ ހަމަ އެކަކުވެސް ހުންނާނޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ނަޝީދުގެ ދޮގު ހެއްދެވުމަކީ ވެސް މުޅި ރާއްޖެއަށް މަޝްހޫރު ކަމެކެވެ. އެކަމަކު މިހާރުވެސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ އެ މަނިކުފާނަކީ ޞިއްދީޤެއް ކަމަށް ވިދާޅު ވަމުންނެވެ. މަގާމު ފާހަގަ ކުރުމުގެ މިސާލެކެވެ.

ދެން އޮތީ މިހާރު ހުންނެވި ރައީސްގެ ވާހަކައެވެ. ރައީސް ވަޙީދާ ބެހޭ ގޮތުން ދައްކާނޭ މާ ގިނަ ވާހަކަތަކެއް ނެތެވެ. އެކަމަކު އެމަނިކުފާނުގެ ދެ އަހަރަކީ ނުވަތަ ދޮޅު އަހަރަކީ މުޅީން ފުރިހަމަ ދެ އަހަރޭ ނުވަތަ ދޮޅު އަހަރޭ ދެންނެވުންވެސް މުޅިއަކުން ރަނގަޅެއް ނުވާނެއެވެ. ވަޙީދުގެ ކުރު މުއްދަތުގެ ތެރޭގައި ބައެއް ކަހަލަ ކަންތައްތައް ރަނގަޅަށް ކުރައްވައިފައި އެބަހުއްޓެވެ. މިނިވަން މުވައްސަސާތަކުގެ ތެރެއަށް ދަނޑި ބޭނުއްވުމާއި، ފުލުހުންނަށް ސިޔާސީ ނުފޫޒު ފަތުރުއްވަން އެމަނިކުފާނު މަސައްކަތް ނުކުރައްވައެވެ. އެހެންވީމާ އެއީ ވަރަށް ރަނގަޅު ކަންތައްތަކެއް ކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެކަމަކު އިމިގްރޭޝަން ޑިޕާޓްމަންޓުގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމާއި، އެމަނިކުފާނުގެ ޅިޔަން ބޭފުޅެއް ކަމަށްވާ އިލްޔާސް ޙުސައިންގެ ވަޒީފާގެ މައްސަލައަކީ ރަނގަޅަށް ކުރައްވާފައިވާ ކަންތައްތަކެއް ކަމަށް ގަބޫލު ކުރާކަށް ފަސޭހައެއް ނޫނެވެ. އެކަމަކު ރައީސް ވަޙީދަށް ތާއީދު ކުރައްވާ ބޭފުޅުންނަކަށް އެމަނިކުފާނު ކުރައްވައިފައިވާ ނަހަމަ އެއްވެސް ކަމެއް ފާހަގަ ކުރެއްވޭ ގޮތެއް ނުވެއެވެ. މަގާމު ފާހަގަ ކުރުމުގެ މިސާލެކެވެ.

(ރިޔާސީ އެހެން ކެންޑިޑޭޓުންގެ ވާހަކަ އަޅުގަނޑު ނުލިޔުނީ އެބޭފުޅުންގެ ފަރާތްޕުޅުން މި ކަހަލަ ކަމެއް ނުފެންނާތީއެއް ނޫނެވެ. މިތާނގައި ލިޔަން ގަސްތު ކޮށްފައި އޮތީ ރައީސްކަން ކުރެއްވި ބޭފުޅުންގެ ވާހަކަ ކަމަށް ވާތީއެވެ.)
އަޅުގަނޑުމެން އާދައިގެ މީހުން މިހާރުވެސް އެންމެ ބާރަށް ދައްކާ ވާހަކައަކީ ވެރިންގެ ވިޔާނުދާ ކަމުގެ ވާހަކައެވެ. އެމީހަކު ތާއީދު ކުރާ މީހާ ނޫން އެހެން ވެރިންނަކީ ޚިޔާނަތްތެރިންނެވެ. ވަގުންނެވެ. އަނިޔާވެރިންނެވެ. އެހެންވީމާ ރަނގަޅު ވެރިޔަކު ހޮވުމުގެ ވާހަކައަކީ މިހާރު އެންމެ ހިނގާ އެއް ވާހަކައެވެ. އެކަމަކު އަޅުގަނޑުމެން މިހާރު މިތިބަ ގޮތަށް ސިޔާސީ ކަންކަމުގައި މަގާމު ފާހަގަ ކޮށްގެން ތިބި ތަނުން ގުޑައިނުލައި ތިބެގެން ރަނގަޅު ވެރިޔަކު ނުހޮވޭނެއެވެ.
އެންމެ ފުރަތަމަ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ އަޅުގަނޑުމެންނަކީ މަލާއިކަތުން ނޫން ކަމެވެ. ވެރިން ހޮވެނީ އަޅުގަނޑުމެންގެ ތެރެއިންނެވެ. އެހެންވީމާ ވެރިންނަކީވެސް މަލާއިކަތުންނެއް ނޫނެވެ. އެއީވެސް ހަމަ އަޅުގަނޑުމެން ފަދަ އިންސާނުންނެވެ. ކުށްކުރާނޭ، އަދި ކުށް ކުރާ ބައެކެވެ. ބައެއް ކަހަލަ ކުށްކުށަކީ ހަނދާން ނައްތައިލެވިދާނޭ ކުށްކުށެވެ. އެހެންނަމަވެސް ހަނދާން ނައްތައިލައިގެން ނުވާނޭ ކުށް ހުންނަ ކަމަށްވެސް ގަބޫލު ކުރަން ވާނެއެވެ. މަޢާފު ކުރުމަކީ އިސްލާމް ދީނުގައި އެކަމަށް ބާރު އަޅައިފައިވާ ރީތި އާދައެކެވެ. އެހެންނަމަވެސް އެއީ ފަރުދީ ކަމެކެވެ. ޤައުމެއްގެ ވެރިޔަކު ޚިޔާނާތްތެރިވީމާ އޭނާއަށް މަޢާފު ކުރުމަކީ ފަރުދީ ގޮތުން ކުރުން ރީތި، ރަނގަޅު ކަމެކެވެ. އޭގެ މާނައަކީ [އަހަރެންގެ ޙިއްޞާއަށް ވާބައި މަޢާފު ކޮށްފީމޭ] ބުނުމެވެ. އެކަމަކު ހަމަ އެމީހާ އަނެއްކާވެސް ވެރިއަކަށް ހޮވަން އާނބަސް ދިނުމަކީ މަޢާފު ކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

ގަލްފު ހަނގުރާމައިގައި އުރުދުންގެ ރަސްގެފާނު ޙުސައިން، އެމެރިކާގެ އިއްތިޙާދަށް ތާއީދު ކުރެއްވީމާ، ޢިރާޤުގެ ރައީސް ޞައްދާމް ޙުސައިން ކޯފާ ވެގެން ވާހަކަފުޅު ދެއްކެވިއެވެ. ޖަވާބުގައި ޙުސައިން ވިދާޅުވިއެވެ. [އަހަރެން ކުޅަ ކަމަކީ ބޮޑު ޝައިޠާނާ މަރަން، ކުޑަ ޝައިޠާނާއާ ގުޅުނީއެވެ.] މާނައަކީ އެމެރިކާވެސް ނުބައެވެ. ޞައްދާމް ޙުސައިންވެސް ނުބައެވެ. އެކަމަކު ޞައްދާމް ޙުސައިންގެ ނުބައިކަން އެމެރިކާގެ ނުބައި ކަމަށްވުރެ ބޮޑެވެ.

ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ އަޅުގަނޑުމެން ނުދަންނަ އާ ބޭފުޅުންނެއް ނޫނެވެ. އެ ބޭފުޅުންނަކީ ޝައިޠާނުންނެކޭ އަޅުގަނޑެއް ނުދަންނަވާނަމެވެ. އެކަމަކު ހަމަ ޔަގީނުންވެސް އެއީ މަލާއިކަތުން ނޫންކަން އަޅުގަނޑަށް އެނގެއެވެ. ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެންނަށް ޖެހިފައި މިވަނީ އޭގެ ތެރެއިން ބޭފުޅަކަށް ވޯޓު ލާށެވެ. އެހެންވީމާ އޭގެ ތެރެއިން ވިޔާނުދާކަން އެންމެ ކުޑަ ބޭފުޅަކީ ކޮބައިތޯ ބަލަން މިވަނީ ޖެހިފައެވެ. އެކަން ބެލޭނީ މަގާމު ދޫކޮށްލައިގެންނެވެ. ފިޔަވަޅު ނައްޓާލައިގެންނެވެ. އަހަރެންގެ ޕާޓީގެ މީހާއަކީ އެންމެ ރަނގަޅު މީހާއޭ، ދެން ތިބީ ހައްތަހާވެސް ޝައިޠާނުންނޭ ބުނެގެންނެއް ވާކަށް ނެތެވެ. ވެރިޔަކު ހޮވަނީ ފަސް އަހަރަށެވެ. ފަސް އަހަރު ދުވަސް ވާންދެން ޤައުމު ހިންގަން ހަވާލުކުރާ މީހާއަކީ ކިހައިވަރެއްގެ މީހެއްތޯ ނުބަލައި ތިބެގެން ވާކަށް ނެތެވެ. އެހެންވީމާ ވޯޓުލާން ޖެހެނީ ވަރަށް ބޮޑަށް ވިސްނާފައެވެ.

އަޅުގަނޑު މި ލިޔުނު ދިގު ވާހަކަ ކުޑަކޮށް ޚުލާޞާ ކޮށްލާނަމެވެ. ޕާޓީއަކަށް ވަނުމާއި، ޕާޓީއެއްގައި އުޅުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެކަމަކު ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު ޕާޓީއަށްވުރެ ދުރަށް ވިސްނައިލާން ވާނެއެވެ. މުޅި ޤައުމު އެމީހަކާ ޙަވާލުކުރާ މީހާއަކީ އެކަމަށް ރަނގަޅު މީހެއްތޯ ބަލަން ވާނެއެވެ. އެންމެ ކުޑަ މިނުން ޙުސައިން ރަސްގެފާނު ވިދާޅުވީހެން [ޝައިޠާނުންގެ ތެރެއިން އެންމެ ކުޑަ ޝައިޠާނަކީ] ކޮބައިތޯ ބަލައިލާން ވާނެއެވެ. އެހެން ނޫނީ ޖެހޭނީ ފަސް އަހަރު ދުވަސް ވާންދެން ރޮއިރޮއި ތިބޭށެވެ.

ދިވެހިންނަކީ ޖުމްލަ ގޮތެއްގައި ބަލާއިރު ތަޢުލީމީ މީހުންނެވެ. އެހެންވީމާ ތަނެއް ދޮރެއް ނުދަންނަ ޖާހިލުން އަޅާ ކަހަލަ ފިޔަވަޅު ދިވެހިން އަޅައިގެން ނުވާނެއެވެ. އަޅާނޭ ކަމަކަށް މިހާރަކު އަޅުގަނޑު ގަބޫލެއްވެސް ނުކުރަމެވެ. އަޅުގަނޑު މި ދެންނެވި ވާހަކަތައް ހަމަ މި ގޮތައް ނުވަތަ މިއަށްވުރެ މާ ރަނގަޅަށް ދައްކާނޭ ދިވެހިން ވަރަށް ގިނަ ވާނެއެވެ. އެހެންވީމާ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހިންގެ ތެރެއިން [މަގާމު ފާހަގަ ކުރުން] ކުޑަވެގެން ދާނޭ ކަމުގެ އުއްމީދު ވަރަށް ބޮޑެވެ.