12 Jun 2013, 23:02
ވަގަށް ނެގި ސައިކަލެއް ހޯދައިދިން މީހަކަށް 15،000ރ. ދޭނެ ކަމަށް ބުނުމުން، ސައިކަލު ހުރިތަން މީހަކު ރިޕޯޓްކޮށްގެން ސައިކަލު ބަލައި ދިޔައިރު، ނަންބޯޑު ބަދަލުކޮށް، ރަށަކަށް ފޮނުވަން އުޅެނިކޮށް ސައިކަލް އަތުލައިގެންފި އެވެ.
އައްޑޫ ސިޓީ، ހިތަދޫ، މަތިވައްގޭ، އަހުމަދު ހައިޝަމްގެ ޕީސީއެކްސް 150، ސައިކަލު ވަގަށް ނެގީ ހެންވޭރުގައި ހުންނަ ހީޓް ހެލްތު އެންޑް ފިޓްނަސް ހިންގާ އިމާރާތުގެ ކުރިމަތީގައި ޕާކްކޮށްފައި ހުއްޓައި މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމު އެވެ.
އެ ސައިކަލް ހޯދައިދިން މީހަކަށް 15000ރ. ލިބޭނެ ކަމަށް ހައިޝަމް ބުނުމުން، އެ ޚަބަރު ސަންއިން މިއަދު އިރުއޮއްސުނު އިރު ޝާއިއު ކުރުމާ އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސައިކަލު ހުރިތަން ހައިޝަމް އަށް ގުޅާފައި މީހަކު ކީޔައިދިނެވެ. ސައިކަލް ހުރީ މާފަންނު އެލްސިއޯން ބޭކަރީ ސަރަހައްދުގައި ހުންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑެއްގެ ތެރޭގަ އެވެ.
ރަށުން ބޭރުގައި ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ހައިޝަމް، މާލޭގައި ދިރިއުޅޭ އޭނާގެ އާއިލާގެ މީހުންނަށް އެކަން އަންގައި ސައިކަލު ބަލާދިއުމަށް އެންގި އެވެ. އާއިލާގެ މީހުން ދިޔައިރު، ސައިކަލުގެ ނަންބޯޑު ހުރީ ބަދަލުކޮށްފަ އެވެ. ނަމަވެސް ސައިކަލުގެ ތަޅުދަނޑިވެސް ދިމާވެ އެވެ. ހައިޝަމްގެ ކޮއްކޮމެން އެ ސައިކަލް ދުއްވި އިރު، އެޅިފައި ހުރި ކޫރުންތައް ވެސް ހުއްޓެވެ.
ސައިކަލް ފެނުނު ހަބަރު ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އެތަނަށް ދިޔަ އެވެ. އެ ސައިކަލަކީ ހައިޝަމްގެ ސައިކަލެއްގެ އާއިލާއިން ކަށަވަރުކޮށްދިނުމުން، ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ސައިކަލުގައި އަލަށް ޖަހާފައިވާ ނަންބޯޑަށް އަރާފައިވާ އިނގިލީގެ ނިޝާން ނަގާފަ އެވެ.
ހައިޝަމް ބުނީ އޭނާގެ ސައިކަލު ފެނިގެން ރިޕޯޓް ކުރި މީހާ އަށް 15،000ރ. ދޭނެ ކަމަށެވެ. މާލެ އައިސް އޭނާއާ ދިމާވުމުން އެ ފައިސާ އޭނާއާ ހަވާލު ކުރާނެ ކަމަށް ހައިޝަމް ބުންޏެވެ.
"ފުރަތަމަ އެ މީހާ ގުޅާފައި ބުނީ ސައިކަލެއް ގެއްލިގެން އެބައުޅެންދޯއޭ. ބުނީމަ އަހަރެން ބުނިން ކިހިނެއްހޭ އެނގުނީ؟ ބުނީމަ ބުނީ ސަންގައި ހަބަރު ޖަހާފަ އެބައިނޯ. މިތާ ކޮޅު ބެދިފައިވާ ހަނި ގޯޅިގަނޑެއްގެ ތެރޭގައި ހަބަރުގެ ފޮޓޯއިން ފެންނަ ސައިކަލް އެބައިނޯ. އޭނަ ރިޕޯޓުކޮށްގެ ދިޔައިރު، އަހަރެން ސައިކަލުގެ ނަންބޯޑު ވެސް އިނީ ބަދަލުކޮށްފައި. ދެކުނުގެ އަތޮޅެއްގެ ޒޯން ނަންބަރަކާއެކު ނަންބޮޑު އިނީ،" ހައިޝަމް ބުންޏެވެ.