12 Jun 2013, 22:09
ދުނިޔޭގެ މިހާރު ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ބާސެލޯނާއަށް ކުޅޭ އާޖެންޓީނާގެ ތަރި ލަޔޮނަލް މެސީ ސްޕެއިންގައި ޓެކްސް ދެއްކި އިރު އޮޅުވާލުންތަކެއް އޮޅުވާލައި، މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާއާ ދެކޮޅަށް މައްސަލައެއް ކޯޓަށް ހުށަހަޅައިފި އެވެ.
މެސީ ދިރިއުޅެމުން އަންނަ ބާސެލޯނާގެ ގާވާ ޑިސްޓްރިކްޓްގެ ކޯޓުން ބުނީ މެސީއާ އޭނަގެ ބައްޕައާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ 2007 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް އޮޅުވާލައިގެން މަދުން ޓެކްސް ދައްކާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
މި މައްސަލާގައި ބުނެފައި ވަނީ މަކަރު ހަދައިގެން ހަތަރު މިލިއަން ޔޫރޯގެ ޓެކްސް އުމުރުން 24 އަހަރުގެ މެސީ ދައްކާފައި ނުވާ ކަމަށެވެ.
މިއަދު ގާވާގެ ކޯޓުހައުސްއަށް ޕްރޮސެކިއުޓަރުން ހުށަހަޅާފައިވާ މައްސަލާގައި މެސީއާ ދެކޮޅަށް އޮޅުވާލުމާ މަކަރު ހެދުމުގެ ތިން ދައުވާއެއް ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. މިދައުވާތައް މެސީއާ ދެކޮޅަށް ކުރެވޭނީ ފަނޑިިޔާރުން މައްސަލަ ބަލައިގަތުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕްރޮސެކިއުޓަރުން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ބެލީޒް އަދި އުރުގުއާއީ ފަދަ ގައުމުތަކުގައި އުފައްދާފައިވާ ކުންފުނިތަކަށް މެސީގެ އިމޭޖް ރައިޓްސް ވިއްކުމުގެ ހުއްދަ ދީގެން ސްޕެއިނަށް ދައްކަން ޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ޔޫރޯގެ ޓެކްސް މެސީ ދައްކާފައި ނުވާ ކަމަށެވެ.
ސްޕެއިން އީއެފްއީ ނިއުސް އެޖެންސީއިން ބުނީ މެސީގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް ހަ އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ބޮޑު ޖޫރިމަނާއެއް އަންނާނެ ކަމަށެވެ.
ހަތަރު ފަހަރު ފީފާއިން ދޭ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ރަން ބޯޅަ ހޯދާފައިވާ މެސީ ވަނީ މިމައްސަލައާ މެދު ހައިރާންވެފައިވާ ކަމަށް ބުނެފަ އެވެ.
މެސީގެ ފޭސްބުކު ޕޭޖުގައި ލިޔަމުން، އޭނާ ބުނެފައި ވަނީ ދުވަހަކުވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށާއި މިމައްސަލަ ވީހާވެސް އަވަހަކަށް ސާފުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.