ކެމްޕެއިނަށް ކުރާ ދަތުރުތަކަށް ހުރަސް އެޅުމަކީ ރިޔާސީ އިންތިހާބެއްގެ މިނިވަންކަމާ އިންސާފުވެރިކަމާ މެދު ސުވާލު އުފެދިގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިއަދު ހަވީރު ކެމްޕެއިނަށްޓަކައި ގދ. ތިނަދޫ އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުން ވަނީ ރައީސް ވަހީދަށް ހުރަސް އަޅައި އެމަނިކުފާނާއި ވަފުދަށް ތިނަދޫ އަށް އެރުމަށް ހުރަސްތަކާ ކުރިމަތިކޮށްފަ އެވެ.

މިކަމާ ގުޅިގެން ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކެމްޕެއިން ދަތުރެއްގައި މިއަދު ތިނަދުއަށް ވަޑައިގަތުމުން އެމްޑީޕީގެ ބަޔަކު ހަމަނުޖެހުން ހިންގައި ރައީސް ވަހީދުގެ ކެމްޕެއިނަށް ހުރަސް އަޅާފައިވާ ކަމަށެވެ.

"ކެންޑިޑޭޓް އިއުލާންކުރުމަށް ކުރާ ދަތުރެއްގައި މިއަދު ތިނަދު އަށް ދިޔައިން. ތިނަދޫން ނަޝީދުގެ އެމްޑީޕީ އިން ވަނީ ހަމަނުޖެހުން ހިންގައި ހުރަސް އަޅާފައި. މިއީ އިންތިހާބެއްގެ މިނިވަންކަމާއި އިންސާފުވެރިކަން ގެއްލިގެން ހިނގައިދާނެ ސަބަބެއް،" ރައީސް ވަހީދުގެ ޓުވީޓްގައިވެ އެވެ.

ރައީސް ވަހީދާއި އެމަނިކުފާނުގެ ރަނިންމޭޓް، ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ ތިނަދު އަށް ވަޑައިގަތުމުން ރައީސް ވަހީދުގެ ޓީމާ ދެކޮޅަށް އެމްޑީޕީ ބަޔަކު ނުކުމެ ވަނީ ހުރަސްއަޅައިފަ އެވެ.