12 Jun 2013, 20:32
ގައުމީ ބާސްކެޓްބޯލް ލީގުގެ ފުރަތަމަ ޑިވިޝަން ފިރިހެނުންގެ ބައިގައި މިއަދު ހަވީރު ކުޅުނު މެޗް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ހަރިކޭން ބީސީ އިން ރަނގަޅު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗް ހަރިކޭން ބީސީއިން ކާމިޔާބު ކުރީ ދަ ބައުސް އާއި ވާދަކޮށް 66 ޕޮއިންޓު 56 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެން ނެވެ.
މިއަދު މެޗުގައި ހަރިކޭން ބީސީއަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މަރާކޯ ސަމަންނޮވިކް އެވެ. އޭނާ ވަނީ މެޗުގައި ހަރިކޭން ޓީމަށް 40 ޕޮއިންޓު ކާމިޔާބު ކޮށްދީފަ އެވެ.
މެޗުން ބަލިވި ދަ ބައުސް ޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ފިލިޕް ޔުކޯސާއެވެ. އޭނާ ވަނީ މެޗުގައި ދަ ބައުސް 13 ޕޮއިންޓު ކާމިޔާބު ކޮށްދީފަ އެވެ.
މުބާރާތުގައި މިރޭ 8:30 ގައި ބައްދަލުކުރާނީ ޓީރެކްސް ބާސްކެޓްބޯލް ކްލަބާއި ކުލަބް އީގަލްސް އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ޖުމްލަ ހަ ޓީމެވެ. އެ ހަޓީމަކީ ޓީރެކްސް ބާސްކެޓްބޯލް ކުލަބާއި ރެޑްލައިން ކުލަބާއި ކުލަބް އީގަލްސް އާއި ދިވެހި ސިފައިންގެ ކުލަބާއި ހަރިކޭން ބީސީ އަދި ދަ ބައުސް އެވެ.
މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.