01 Nov 2010, 08:41
ނިޒާމީ މައްސަލަ ނަންގަވައިގެން ޖަލްސާ ކުރިއަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީގެ މެންބަރުން ހުރަސް އެޅުއްވުމުގެ ސަބަބުން ދެ ފަރާތުގެ މެދުގައި އަޑުގަދަވެ ތަޅުން ހޫނު ވުމުގެ ސަބަބުން ނިޒާމު ގެއްލިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓާލައިފި އެވެ.
ޖަލްސާގެ ތަޅުން ހޫނުވީ، ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން އެޖެންޑާކޮށްފައިވާ މައްސަލައާ ހަމައަށް ނުދަނީސް، ނިޒާމީ މައްސަލަ ނަންގަވައިގެން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާމަނިކު ވިދާޅުމާ ގުޅިގެންނެވެ.
ނިޒާމީ މައްސަލަ ނަންގަވައިގެން، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ވ) އުވާލުމަށް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތަށް މަޖިލީހުން އިހުތިރާމް ކުރާ ނަމަ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ކަންތައްތައް ދެން ކުރިއަށް ގެންދެވޭނީ، އެކަމާ ބެހޭ ގޮތުން މަޖިލީހުން ގަވާއިދެއް އެކުލަވާލެވިގެން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި އެފަދަ ގަވާއިދެއް ނެތި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ފުރުސަތު ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ކަންކަން ހިންގުމަށް ގަވާއިދެއް ހަދަން ޖެހޭނެ ކަމަށް. ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާ ނަމަ ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ ގޮތުން ކަންކަން ކުރާނެ ގޮތުގެ ގަވާއިދެއް މަޖިލީހުން ޖެހޭނީ އެކުލަވައިލަން. މި އެޖެންޑާއާ އެކު ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތެއް ނުދެވޭނެ. ރައީސް ގަބޫލުފުޅު ކުރައްވާފައިތޯ މި ވަނީ ބޭފުޅުންގެ (ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން) ޝަރުތު މިއޮތީ މިހާރު ހަމަވެފައި ކަމަށް. އެހެން ވެގެންތޯ އެޖެންޑާ ކުރެއްވީ. ކޮމެޓީއަކަށް ފޮނުއްވީމަ ކޮމެޓީގައި މައްސަލަ ހިނގާދިޔަ ގޮތް ރައީސަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މަޖިލީހުގެ ފްލޯއަށް އަންނަ ހުރިހާ ކަމެއް ވެސް ގެންނަނީ ކޮމެޓީތަކަށް ފޮނުވައި ކޮމެޓީތަކުން އެކަންކަމުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ފަހުގައި. އެހެންވީމަ ގަވާއިދު އިސްލާހު ކުރުމަށް ފަހު ގަވާއިދަށް އެ މާއްދާ އެކުލަވައިގެން ނޫނިއްޔާ މަޖިލީހުގައި މިކަމާ ބެހޭ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން،"
ރީކޯ މޫސަ ނެންގެވި ނިޒާމީ މައްސަލައާ ގުޅިގެން އިދިކޮޅު މެންބަރުން އަޑޫގަދަ ކުރައްވަން ފެއްޓެވުމާ ގުޅިގެން މަޖިލީހުގެ ތަޅުން އަޑުގަދަވެގެންދިޔަ އެވެ. އަދި ހަމަ އެ ވަގުތުކޮޅުގައި،
އެމްޑީޕީގެ މެންބަރު، ކެނދިކުޅުދޫ ދާއިރާގެ އަހުމަދު އީސާ ނިޒާމީ މައްސަލަ ނަންގަވައިގެން ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީ މަރުހަލާގައި ނިންމަން ޖެހޭކަން މަޖިލީހުގެ ގަވާއިދުން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދީފައިވާކަން ނުވަތަ ނޫންކަން ކަނޑައަޅަން ޖެހޭނީ އިދާރީ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއީ މަޖިލީހުގައި މިހާތަނަށް ކަންކަން ކޮށްފައިވާގޮތް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕިގެ މެންބަރުން ނެންގެވި ނިޒާމީ މައްސަލަތަކާ ގުޅިގެން ޑީއާރުޕީން ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ، މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއް ރަހީމެވެ. އޭނާ ވިދާޅުވީ ޖެހިގެން އުޅޭ މައްސަލަ އަކީ އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ހަމަނުވުމުގެ މައްސަލަ ކަމަށެވެ. އެހެންވެ ޖަލްސާ ހުއްޓުވާލަން އެމްޑީޕީން މަސައްކަތް ކުރަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 216 ވަނަ މާއްދާގައި ބުނޭ ގަވާއިދުގައި ބަޔާންވެފައިނުވާކަމެއް ދިމާވެއްޖެ ފުރަތަމަ ބަލަން ވާނީ ރައްޔިތުންގެ މަޖިލީހުން ކުރިން އެކަމެއް ނިންމާފައިވާ އުސޫލަށް ކަމަށް. ވަކިވަކިން ވޯޓަށް އަހައިގެން މި މަޖިލީހުގައި ވަނީ ވަޒީރުންނަށް ރުހުންދީފައި. ޖެހިގެން މިއުޅޭ މައްސަލައަކީ، އެ މެންބަރުންނަށް ވޯޓު ހަމަނުވެގެން ޖަލްސާ ހުއްޓައިލުމަށް މަސައްކަތް މި ކުރަނީ. މިތާނގައި އެއްވެސް ވަޒީރަކަށް މި މަޖިލީހުން ރުހުން ދީގެން ދެން ދާކަށް ލާހިކު ކުޅަދާނައެއްނޫން. ފުރިހަމަ ރިޔާސީ ނިޒާމް އޮންނަ ގައުމުތަކުގައި އޮންނަ ގޮތަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމަން ޖެހޭނީ މަޖިލީހުގެ ތަޅުމުން." އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވި އެވެ.
ޑީއާރުޕީގެ ނައިބު ލީޑަރު، ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ ޒިންބާބުވޭ ފަދަ ގައުމަކާ އެއްވަރަށް ގައުމު ކޮރަޕްޝަނަށް ވެއްޓިފައިވާ އިރު، އެމްޑީޕީގެ މެންބަރުން ޖަލްސާއަށް ހުރަސް އަޅުއްވަމުން ގެންދަވަނީ، މެންބަރުންނަށް ރިޝްވަތު ނުދެވިގެން ކަމަށެވެ. އަދި މުޅި ގައުމު ދަވާލައި، ނުހައްގުން ރައްޔިތުންގެ މުދާތައް ވިއްކާލައިގެން ވެސް އެމްޑީޕީއަށް ވޯޓު ހަމަނުވެގެން އުޅެނީ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ. އަދި ވަޒީރުންނަށް ރުހުންދީފައި ނޫނީ އެއްވެސްކަމެއް މަޖިލީހުގައި ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގަވާއިދެއް ނޫން މައްސަލަ އަކީ. މެމްބަރުން ނުގަނެވިގެން މި އުޅެނީ. ރިޝްވަތު ނުދެވިގެން މި އުޅެނީ. ސުޕްރީމް ކޯޓުގެ ހުކުމަށް ވެސް ތަބާ ނުވާތަން މި ފެންނަނީ. ރިޝްވަތު ދީގެން މުޅި ގައުމާއި ބައިތުލްމާލު ދަވާލައިގެން ރައްޔިތުންގެ ލޭ ނުބޮވިގެން އެމީހުން އެއުޅެނީ" އަލީ ވަހީދު ވިދާޅުވި އެވެ.
ޕީއޭގެ މެންބަރު ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެމްޑީޕީއަށް މެންބަރުންނަށް ރިޝަވަތު ނުދެވިގެން އުޅޭއިރު، ޖަލްސާގެ ރިޔާސަތުން މެންބަރުންނާ މެދު ތަފާތު ކުރުންތައް ގެންދުޅުއްވާ ކަމަށެވެ. އަދި ޖަލްސާ ފެށުނީއްސުރެ ނެންގެވި ނިޒާމީ މައްސަލަތަކާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ކޮޅަށް ހުންނަވައިގެން އަޑުގަދަ ކުރައްވައި ހަޅޭއްލަވަމުން ގެންދަވާ އިރު އޭނާގެ ނަން އިއްވާފައި ނުވާކަމަށް ވެސް އަބުދުއްރަޙީމް ވިދާޅުވި އެވެ.
"މަޖިލީހުގެ ރައީސް ތިގެން ގުޅުއްވަނީ ތަފާތު ކުރުންތަކެއް. މޫސަ ކޮޅަށް ހުންނަވައިގެން ހުއްޓައި ނުލައްވައި އަޑުގަދަ ކުރައްވައި އެއްޗެހި ގޮވަމުން އެ ގެންދަވަނީ. އެބޭފުޅުން ކުރެއްވީމަ ނަން ނީއްވިފައި އަޅުގަނޑުމެންގެ މީހަކު ހަމަ ކަމެއްކުރާއިރަށް ނަން އިއްވިގެން ނުވާނެ"
އަބުދުއްރަހީމް ނެންގެވި މި ނިޒާމީ މައްސަލައާ ގުޅިގެން މަޖިލީހުގެ ތަޅުން އިތުރަށް ހޫނުގެ އަޑުގަދަކޮށް ޒުވާބު ގަދަވެ ނިޒާމު ގެއްލުމުން، އޭރު އޮތް ހާލަތުގައި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ އެކު ނޫން ގޮތަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ 9:10 ގައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މިއަދުގެ ޖަލްސާ ނިންމަވާލެއްވި އެވެ.
ޖަލްސާ ނިންމަވާ ލެއްވުމުގެ ކުރިން މެންބަރުންގެ ނިޒާމީ މައްސަލަތަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާނެ (ވ) އުވާލުމަށް ސުޕްރީމްކޯޓުން ހުކުމް ކޮށްފައި ނުވާ ކަމަށެވެ. އަދި ވަޒީރުންގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު އެޖެންޑާ ކޮށްފައި ވަނީ، އެ އަކުރާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ދެން އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅީ ޑީއާރުޕީގެ މެންބަރުންނެވެ. ހުސްވި މަހުގެ 25 އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް މެދުކަޑާލާފައި އޮތީ، ސުޕްރީމް ކޯޓުގައި އޭރު އޮތް މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް ވަޒީރުންނަށް ރުހުން ދިނުމާ ބެހޭ އެއްވެސް ކަމެއް މަޖިލީހުގައި ކުރިއަށް ނުގެންދިއުމަށް އެ ކޯޓުން ކުރި ހުކުމާ ގުޅިގެން، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަ ނުދިނުމަށް ޑީއާރުޕީ މެންބަރުން ހުރަސް އެޅުއްވުމުގެ ސަބަބުން ނެވެ.