ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓްގެ 24 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިންމައި ނުވަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ މެދުވެރިކޮށް މިރޭ އާންމު ކުރިން އިންޓަވިއުއެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްތަކަށް ކޮންސްޓްރަކްޝަން މެޓީރިއަލްސް ހޯދުމަށް 2005 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އޭބީސީ)ގެ ނަމުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ދޫކޮށްފައިވާ ކްރެޑިޓް މުދާ ގަތުމަށް އެދޭ ފޯމުތަކަށް އެޕޯލޯ ކުންފުނިން ހަމަ އެ އަހަރު އިންވޮއިސް ހުށަހަޅައިގެން ފައިސާ ނަގާފައިވަނިކޮށް އޭބީސީ ކުންފުނިން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހަމަ އެފޯމުތަކުގެ ފޮޓޯ ކޮޕީއަށް ހަދާފައިވާ އިންވޮއިސްތަކަށް ދައުލަތުގެ މާލިއްޔާ އިން 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އޮޅުވާލައިގެން ނަގާފައިވާ ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.

އެ މައްސަލައިގައި ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް އޮފީހަށް ފޮނުވާފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ކުރީގެ ވެރިޔާ ސ. ހިތަދޫ ޒަމާނީގޭ އަބްދުﷲ ޝާހިދު 50، އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ ހ. ރަބީޢީމަންޒިލް މުޙައްމަދު ޝާހިދު 53، އާއި ސ. މަރަދޫ ބިއުޓީ އަހްމަދު ނަޖާހް 34، އާއި މއ. އެވާގްލޯރީ އަހްމަދު އާރިފް 49، އާއި ބ. އޭދަފުށީ ދިގަލި މުހައްމަދު ވަހީދު 53، އާއި ގދ. ހޯޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދު 49، އާއި ހ. ސޯސަންމީޑް އަބްދުﷲ ހަސަން 56، އާއި ރ. ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ އަލީ ކަލޭގެފާނު 49، އާއި މއ. ބްލެކްޕޫލް އަހްމަދު ޝަމްއޫން ޒާހިރު 23، ގެ މައްޗަށް ކަމަށް ޝަތީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމުގައި އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝަތީހު ވަނީ އެ ދެ މުއައްސަސާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

http://www.youtube.com/watch?v=4PcwU2vSEbQ#!