12 Jun 2013, 19:26
އިންސްޓޯލްމަންޓަށް ނެގިތާ ތިން މަސް ނުވަނީސް، ވަގަން ނެގިސައިކަލެއްހޯދައިދިން މީހަކަށް 15000ރ. ހުށަހަޅައިފި އެވެ.
އައްޑޫ ސިޓީ، ހިތަދޫ، މަތިވައްގޭ، އަހުމަދު ހައިޝަމްގެޕީސީއެކްސް 150، ސައިކަލުވަގަށް ނެގީ ހެންވޭރުގައި ހުންނަ ހީޓް ހެލްތު އެންޑް ފިޓްނަސް ހިންގާ އިމާރާތުގެ ކުރިމަތީގައި ޕާކްކޮށްފައި ހުއްޓައި މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމު އެވެ. އެ ރޭ މެންދަރު 3:00 އެހާކަންހާ އިރު އެ ސައިކަލު ވަގަށް ނެގި މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފޫޓޭޖުތަކަށް އަރާފައިވެ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުން ހައިޝަމްގެ ސައިކަލް ވަގަށް ނެގި މީހާ އެކަން ކުރަން މާގިނަ މަސައްކަތެއް ނުކުރެ އެވެ. އެ ރޭ ދަންވަރު 1:00 އެހާކަންހާ އިރު ފުރަތަމަ ސައިކަލް ހުރި ސަރަހައްދަށް ގޮސް ހައިޝަމްގެ ސައިކަލަށް ވަރަށް ރަނގަޅަށް ބަލާފައި އެ މީހާ ނައްޓާލަ އެވެ. އެއަށް ފަހު މެންދަމު 3:22 އެހާކަންހާ އިރު އެތަނަށް ގޮސް ސައިކަލުގެ ތަޅުތަނޑި ޖަހާތަނަށް އެއްޗެއް ކޮއްޕާލައި ސްޓާޓްކޮށްގެން ނައްޓާލީ އެވެ. އެކަން ކުރާކަށް މާގިނަވަގުތެއް ނުނަގަ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުން ސައިކަލް ވަގަށް ނެގި ޒުވާނާއަކީ ކާކުކަމެއް ބޮޑަކަށް ނޭނގެ އެވެ.
ހައިޝަމް ކިޔައިދިން ގޮތުގައި އޭނާގެ ސައިކަލް އިންސްޓޯލްމަންޓަށް ނެގިތާ އަދި ދެ މަސް ވެސް ނުވާނެ އެވެ. ސައިކަލުގެ ބާކީ ޕޭމަންޓުގެ ގޮތުގައި 71،610ރ. ނުދައްކައި އެބަހުއްޓެވެ. ޕީސީއެކްސް ސައިކަލެއް އިންސްޓޯލްމަންޓަށް ޕާޓް އެކްސްޗޭންޖުން ދޫކުރަނީ 115،000ރ. އަށެވެ.
ހައިޝަމް ސައިކަލު ނަންބަރަކީ "C4196" އެވެ. އޭނާ ބުނީ ސައިކަލް ހޯދައިދިން ފަރާތަކަށް 15،000ރ. ދޭނެ ކަމަށާއި ސައިކަލް ފެނިއްޖެނަމަ 9900023 ނަންބަރަށް ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.
ހައިޝަމްގެ ސައިކަލު ވަގަށް ނެގި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އެ ސައިކަން ވަގަށް ނެގި ވީޑިއޯ ވެސް ވަނީ ފުލުހުނަށް ހުށަހަޅާފަ އެވެ. ނަމަވެސް ފުލުހުން ބަލަމުންދާ އެ މައްސަލާގައި ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.