12 Jun 2013, 18:02
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިންކަމަށް ތުހުމަތު ކުރެވޭ ހަތަރު ކުއްޖެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ދިފާއުގައި ހުށަހެޅި މީހެއްގެ ހެކިބަސް ނަގައިފި އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖެއްގެ ދިފާއުގައި އެކަކު ހެކިބަސް ދީފައިވާ ކަމަށެވެ. ނަމަވެސް ހެކިބަސް ލިބުނު ގޮތެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އެ ހަތަރު ކުދީންނަށް ވެސް މިހާރު ވަނީ 18 އަހަރު ފުރިފަ އެވެ.
ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި 12 ހެކީންގެ ތެރެއިން އަށް މީހެއްގެ ހެކިބަސް މިހާތަނަށް ވަނީ ނަގާފަ އެވެ. ނަމަވެސް ބާކީ ތިބި މީހުން ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ އެ މީހުންގެ ހެކިބަސް ނަގާފައި ނުވެއެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ދައުލަތަށް ދިން ފުރުސަތުގައި އެ ފަސް މީހުން ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ އެ މީހުން ކޯޓަށް ހާޒިރުކުރުމަށް އިތުރު ފުރުސަދެއް ދައުލަތަށް ނުދޭން ޝަރީއަތުން ނިންމާފައިވާ ކަމަށެވެ.
ދެން އެ މައްސަލަ ތާވަލް ކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 11:00 އަށް ކަމަށާއި އެ ދުވަހު ވެސް އޮންނާނީ ދިފާއުގައި ހުށަހަޅާފައިވާ ނުވަ މީހެއްގެ ހެކިބަސް ނެގުން ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
ޖުވެނައިލް ކޯޓުން އެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ތަހުގީގު ބަޔާންތައް ދިފާއީ ވަކީލަށް ނުދީ އެވެ. އެހެންކަމުން އެ ހަތަރު ކުދިންގެ ގާނޫނީ ޓީމުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހައިކޯޓުން މިހާރު ވަނީ މި މަހުގެ 18 ވަނަ ދުވަހަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވަން ތާވަލް ކޮށްފަ އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ ހަތަރު ކުދީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ ފެބުރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި އެރޭ 8:30 އާއި ދެމެދުގެ ވަގުތެއްގައި ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށާއި އެތާގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ހަމަ އެދުވަހުގެ ވަގުތެއްގައި ގދ. އަތޮޅު ކައުންސިލްގެ އިދާރާ ތެރެއަށް އެ ހަތަރު ކުދިން ވަދެގަތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެ ހަތަރު ކުދިންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.
އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުންކަމަށެވެ.
ގާނޫނުގައި އެ އަދަބު ކަނޑައަޅާފައި އޮތްނަމަވެސް ދައުވާ ސާބިތުވެއްޖެ ނަމަ އެ ކުދިންނަށް އަންނާނީ އެއަށް ވުރެ ކުޑަ އަދަބެކެވެ. އެއީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ކުޑަކުދިން ކުރާ ކުށްތަކަށް ދޭންޖެހޭނީ އެ ކުށަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ބުނެފައިވާތީ އެވެ.
ފެބްރުވަރީ އަށްވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެ ރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 89 މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ މީހުންގެ ތެރޭގައި ކައުންސިލަރުންނާއި ސިވިލްސާވަންޓުންގެ ގޮތުގައި ވަޒީފާ އަދާކުރާ ބައެއް މީހުން ވެސް ހިމެނެ އެވެ.