12 Jun 2013, 16:34
އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޮޒެއިޑް)ގެ ހިލޭ އެހީގެ ދަށުން ތިން ދާއިރާއަކުން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތަށް އެދި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވުނު 59 ކުއްޖަކާ އެކު އެ ސްކޮލާޝިޕްތަކަށް ކެންޑިޑޭޓުން ނެގުމުގެ އިންޓަވިއުތައް ފަށައިފި އެވެ.
ސަންއޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އޮޒެއިޑްގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ސްކޮލާޝިޕް ކޯޑިނޭޓަރު ޑރ. އިބްރާހީމް ހަސަން (ޗަބީ) ވިދާޅުވީ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް އިންޓޭކް 2014 އަށް ކުދިން ހޮވުމަށް ޓަކައި ނަސަންދުރަ ޕެލަސް ހޮޓަލްގައި މިހާރު ކުރިއަށް ގެންދާ އިންޓަވިއުތައް ފެށުނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.
"އިންޓަވިއުތައް އަޅުގަނޑުމެން މިފެށީ އާދީއްތަ ދުވަހު. އެގޮތުން ޖޫން 9 އިން 13 އަށް ކުރިއަށް ގެންދާނީ ބެޗުލާސް ޑިގްރީ އާއި މާސްޓާސް ޑިގްރީގެ އިންޓަވިއުތައް. އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކާ އެކު ބާއްވާ އިންޓަވުއުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހު،" ޗަބީ ވިދާޅުވި އެވެ.
އޮޒެއިޑްގެ ހިލޭ އެހީގެ ދަށުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތަށް ޝޯޓްލިސްޓް ކުރި 59 މީހުންގެ ތެރެއިން އެންމެ ގިނަ ފަރާތްތަކެއް ޝޯޓްލިސްޓް ކުރެވިފައި ވަނީ މާސްޓާސް ޑިގްރީ ލެވެލް އިންނެވެ. އެގޮތުން މާސްޓާސް ލެވެލް އަށް ކިޔެވުމުގެ ފުރުސަތައް އެދި 37 މީހަކު ޝޯޓްލިސްޓް ކޮށްފައިވާ އިރު ބެޗުލާސް ޑީގްރީއަށް ޝޯޓްލިސްޓު ކުރެވިފައި ވަނީ 18 މީހެކެވެ. އަދި ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތަށް ޝޯޓްލިސްޓް ކުރެވިފައި ވަނީ ހަތަރު ކެންޑިޑޭޓެކެވެ.
ޗަބީ ވިދާޅުވީ މިފަހަރުގެ އިންޓަވިއު ޕެނަލްގައި ތިއްބަވަނީ ތިން ބޭފުޅުން ކަމަށާއި އޭގެ ތެރެއިން ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެންމެ މަންދޫބެއް ކަމަށެވެ. އަދި އެ ޕެނަލްގެ ރިޔާސަތު ބަލަހައްޓަވާނީ އޮޒެއިޑްގެ ބޭފުޅެއް ކަމަށެވެ.
އޮޒެއިޑްގެ އިންޓަވިއުތައް މިހާރު ފަށައިގެން ކުރިއަށް ގެންދާ އިރު އެ ސްކޯލާޝީޕްތަކަށް ހޮވާނޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އެ ކެންޑިޑޭޓަކީ ސިލެކްޝަން މުއްދަތުގެ ތެރޭގައި އޮސްޓްރޭލިޔާ ނުވަތަ ނިއުޒިލެންޑުގެ ރައްވެއްސަކާއި ކައިވެނިކޮށްގެން އުޅޭ މީހަކަށް ވެގެން ނުވާނެ ކަމަށް ޝަރުތު ކޮށްފައިވެ އެވެ.
އޮޒެއިޑްގެ ދަށުން ރާއްޖެ އަށް ކަނޑައަޅާފައިވާ މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތުތަކަކީ މުޅިންހިލޭ ލިބިދޭ ފުރުސަތުތަކެކެވެ. އަދި އޮޒެއިޑްގައި ކިޔަވަންދާ ފަރާތްތަކަށް ކޯސްފީގެ އިތުރުން، ވިސާގެ ކަންތަކާއި ކެއިންބުއިމާއި ހުރުމާއި ހެލްތު އިންޝުއަރެންސާއި އަދިވެސް އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ހަރަދުކުރުމަށް އެލަވަންސެއް ވެސް ކަނޑައަޅާފައި އެވެ.
މިފަހަރު އޮޒެއިޑްގެ ހިލޭ އެހީގެ ދަށުން ކިޔެވުމުގެ ފުރުސަތު، ރާއްޖެ އަށް ލިބިފައި ވަނީ ތިން ދާއިރާއަކުން ނެވެ. އޭގެ ތެރޭގައި ހިމެނެނީ، އެޑިޔުކޭޝަން، އެންވަޔަރަންމަންޓް، އަދި ގަވަނެންސް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އެވެ.