12 Jun 2013, 16:18
ސަރުކާރުގެ އިލެކްޓިރިކް ކުންފުނި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ މިލިޓެޑް (ސްޓެލްކޯ) އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަ ޑްރާފްޓް ފެސިލިޓީ (އޯޑީ) އަށް ސަރުކާރުން ދީފައިވާ ގެރެންޓީގެ މުއްދަތު އިތުރު ކުރުމަށް އެދުމުން އެ ހުއްދަ ދިނުމަށް މާލިއްޔަތު ކޮމެޓީ އިން ނިންމައި ތަޅުމަށް ފޮނުވައި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އޯޑީ ނެގުމަށް ފާސްކުރުމަށް ތަޅުމަށް ފޮނުވާފައިވާ އިރު މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމު ވިދާޅުވީ އެގޮތަށް ނިންމީ އެ އޯޑީއަކީ ސްޓެލްކޯ އިން ކުރިން ވެސް ބޭނުންކުރަމުން ދިޔަ އޯޑިއަކަށްވެފައި ސްޓެލްކޯ އިން ހުށައެޅި ލިޔުންތަކުގެ އަލީގައި އޯޑީ ނެތުމުން އެ ކުންފުންޏަށް ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.
އެގޮތަށް މިއަދު ފާސްކޮށްފައިވީ ނަމަވެސް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވެ އެވެ. އެގޮތުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އެ އޯޑީ މުއްދަތު ހަމަވެފައިވާ އޯޑީއެއްކަމުން އޯޑީގެ މުއްދަތު ދިގުކުރާކަށް ގެރެންޓީއެއް ނުދެވޭނެ ކަމަށާއި ހުއްދަދޭ ނަމަ ދެވޭނީ އިތުރު އޯޑީއެއް ނެގުމަށް ކަމަށެވެ. ނަމަވެސް އޭނާ ނޫން މެމްބަރުން ވިދާޅުވީ ކޮމެޓީގެ ރިޕޯޓްގައިވާ ގޮތަށް ނިންމައި ތަޅުމަށް ފޮނުވުމަށް ތާއީދު ކުރާ ކަމަށެވެ.
ސްޓެލްކޯ އަށް 50 މިލިއަން ރުފިޔާގެ އޯޑިއަކަށް ގެރެންޓީ ދިނުމަށް ނިންމާފައިވާ އިރު އެ ކުންފުނިން ބުނީ އެ ކުންފުނީގެ ކޭޝްފުލޯ އަށް ދަތިތަކަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތަށް ދިމާވަނީ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ވެސް ނުލިބޭތީ ކަމަށާއި އެގޮތުން ސަރުކާރުގެ މުއައްސަސާތަކުން ވެސް އެކުންފުންޏަށް 281 މިލިއަން ރުފިޔާ ނުދައްކާވާ ކަމަށެވެ.
އަދި މިއަދުގެ ބައްދަލުވުމުގައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އައްޑޫ ސިޓީގެ ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބީލަމަށް ހުޅުވާލުމުން އެއީ މި އަހަރުގެ ބަޖެޓްގައި ހިމަނާފައިނުވާ މައްސަލަ އާއި އެޗްޑީއެފްސީ އާ ހަތް ރަށެއްގެ ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ބަންޑާރަ ނައިބާއި ފިނޭންސް މިނިސްޓަރުގެ އިތުރުން ހައުސިން މިނިސްޓަރު މިއަންނަ ހޯމަ ދުވަހު އެ ކޮމެޓީ އަށް ގެނައުމަށް ނިންމައިފަ އެވެ.