މާލޭ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާ އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެގްރީމަންޓާ އެއްގޮތަށް "އަޕް ފްރަންޓް ފީ"ގެ ގޮތުގައި 78 މިލިއަން ޑޮލަރު [1003.3 މިލިއަން ރުފިޔާ] އިއްޔެ ދައްކައިފި އެވެ.


އިކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ މިއަދު ވިދާޅުވީ ޖީއެމްއާރުން 78 މިލިއަން ޑޮލަރުގެ ރެމިޓެންސް އިއްޔެގެ ވަގުތެއްގައި ފައިނޭންސް މިނިސްޓްރީ އަށް ވަދެފައިވާ ކަމަށާއި އޭރުން އެގްރީމަންޓްގައި ބުނާ، އެގްރީމަންޓަށް އަމަލު ކުރުމަށް ދެ ފަރާތް އެއްބަސްވެފައިވާ ފައިސާ، ދައްކައި ނިމުނީ ކަމަށެވެ.


ރާޒީ ވިދާޅުވި ގޮތުގައި ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު އެގްރީމަންޓްގައި ސޮއި ކުރީ އެއް ޕަސެންޓް ނޫނީ ދޮޅު ޕަސެންޓްގެ ފީއެއް ދެއްކުމަށް ފަހު އެވެ. އަދި އިއްޔެ ދެއްކި ފައިސާ އާ އެކު އެ ފަރާތުން ދައްކަން ޖެހޭ ފައިސާގެ އަޕް ފްރަންޓްކޮށް ދައްކަން ޖެހޭ ފައިސާ ދައްކައި ނިމުނީ އެވެ.


އިކޮނަމިކް މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރާއި އިންޑިއާގެ ކުންފުންޏާ އެކު ވެފައިވާ އެއްބަސް ވުމުގެ ދަށުން  އެއާޕޯޓުން ވިއްކާ ތެލުން 15 ޕަސެންޓާއި އެއާޕޯޓް ކޮމްޕެނީ އަށް މިހާރު އަހަރަކު ވަންނަ 14 ވަރަކަށް މިލިއަން ޑޮލަރު، ޖީއެމްއާރުން ސީދާ ސަރުކާރަށް ދައްކާނެ އެވެ.


އެއާޕޯޓްސް ކޮމްޕެނީގެ މިދިޔަ އަހަރުގެ ފައިދާ އަކީ 257 މިލިއަން ރުފިޔާ[20 މިލިއަން ޑޮލަރު] އެވެ.


ޖީއެމްއާރާއި ދިވެހި ސަރުކާރު އެއްބަސްވެފައިވާ ގޮތުން 2012 ވަނަ އަހަރުން ފެށިގެން އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ޖީއެމްއާރަށް ނެގުމުގެ އިހުތިޔާރު އެ ކުންފުންޏަށް ލިބެ އެވެ. އެއީ މިހާރު އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަދަދަށް ބަލާއިރު 21 މިލިން ޑޮލަރު[ 270 ވަރަކަށް މިލިއަން ރުފިޔާ] އެވެ.