12 Jun 2013, 15:54
ކުޑަކުދިންގެ ގާނޫނީ ބެލެނިވެރިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ދައުލަތުން ކަނޑައަޅާ ފަރާތަކަށް ގާނޫނީ ބެލެނިވެރިކަން ހަވާލު ކުރުމުގެ އުސޫލު ކަނޑައެޅުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅުއްވަމުން މިއަދު ވިދާޅުވީ ސަރުކާރުން ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނަށް އެފަދަ އިސްލާހެއް ހުށަހެޅުމުގެ ބޭނުމަކީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާނެ ކަމެއް އެއްވެސް ފަރާތަކުން ކުރިޔަ ނުދިނުން ކަމަށެވެ. އަދި އެފަދަ އަމަލުތައް ކުއްޖާ އަށް ކުރިމަތިވާ ނަމަ އެކަން ހުއްޓުވުމުގައި މައިންބަފައިން އިހުމާލުވަމުންދާ ހާލަތުގައި އެފަދަ ކުދިން އެ މާހައުލުން ދުރުކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަކީ ވެސް އެ ގާނޫނަށް އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ. މީގެ އިތުރުން ރިޔާޒް ވިދާޅުވީ ކުޑަ ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން ކުޑަކުދިންނަށް ގާނޫނީ ބެލެނިވެރިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން ދައުލަތުން ކަނޑައަޅާ ފަރާތަކަށް ގާނޫނީ ބެލެނިވެރިކަން ހަވާލު ކުރުމުގެ އުސޫލެއް ކަނޑައެޅުމަކީ ވެސް ސަރުކާރުން އެފަދަ އިސްލާހެއް ހުށަހެޅުމުގެ މައިގަނޑު ސަބަބެއް ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އެ ގާނޫނަށް ޗެޕްޓަރެއް އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ކުއްޖާގެ މައިންބަފައިންގެ ކިބައިން ނުވަތަ ކުއްޖާ ދިރިއުޅޭ މާހައުލުން ނުވަތަ ކުއްޖާގެ މައިންބަފައިންގެ އިހުމާލުން ކުއްޖާ އަށް ޖިންސީ ހާނިއްކައެއް ލިބުން ނުވަތަ ލިބެމުންދާ ކަމަށްވާ ނަމަ އެ ކުޑަކުއްޖަކު ވަގުތީ ގޮތުން ބެލެހެއްުޓުމަށް ދައުލަތުގެ ބެލެމުގެ ދަށަށް ގެންދެވިދާނެ އެވެ. ހަމައެހެންމެ ކުއްޖާގެ އުމުރާއި ނުބައްދަލު ބޮޑު ޖިސްމާނީ އަނިޔާއެއް ކުއްޖާގެ މައިންބަފައިންގެ ކިބައިން ނުވަތަ ކުއްޖާ ދިރިއުޅޭ މާހައުލުން ނުވަތަ ކުއްޖާގެ މައިންބަފައިންގެ އިހުމާލުން ކުއްޖާ އަށް ލިބެމުންދާ ނަމަ އެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ވަގުތީ ގޮތުން ބެހެއްޓިދާނެ އެވެ. މީގެ އިތުރުން ކުއްޖާގެ މައިންބަފައިންގެ އިހްމާލެއްގެ ސަބަބުން ނުވަތަ މައިންބަފައިންގެ އިހުމާލުން ކުއްޖާ އަށް ލިބިގެންވާ އެނގެނުމުގެ ހައްގާއި ސިއްހީ ފަރުވާ ހޯދުމުގެ ހައްގުން އެ ކުއްޖަކު މަހުރޫމްވެފައިވާ ނަމަ އެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ވަގުތީ ގޮތުން ބެހެއްޓިދާނެ އެވެ.
ކުޑަކުދިންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންދާތާ ހަތް ދުވަހުގެ ތެރޭގައި ކުއްޖާގެ މައިންބަފައިން ކުއްޖާ ވަކިކޮށް ދައުލަތަށް ނެގުމަށް ޓަކައި ދައުލަތުން ކޯޓަށް ހުށަހަޅަންވާނެ އެވެ. އަދި ދައުލަތުން ކޯޓަށް ހުށަހަޅާ ތާރީހުން ފެށިގެން 14 ދުވަސް ތެރޭގައި ދައުލަތުން ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބަލައި ކުއްޖާގެ ކަރާމާތަށާއި މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކަށް ރިޔާޢަތް ކުރުމަށް ފަހު ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެނައުމުގެ އަމުރެއް ކޯޓުން ނެރެވިދާނެ އެވެ.
ކުޑަކުދިންގެ ހައްުތައްރައްކާތެރި ކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގައިވާ ގޮތުން ކުއްޖާގެ މައިންބަފައިން ކިބައިން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ނިގުޅައިގަނެވޭ މިންވަރަށް އިހުމާލުވެފައިވާކަން އެކަށީގެންވާ މިންވަރަށް ދައުލަތުން ސާބިތުކޮށްދީފި ކަމަށް ކޯޓަށް ގަބޫލު ކުރެވިއްޖެ ނަމަ އެކަންކަމުގެ މައްޗަށް ރިޔާއަތްކޮށް ކުއްޖާގެ މައިންބަފައިން ކިބައިން ކުއްޖާގެ ބެލެނިވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްލުނީ ކަމަށް ކޯޓަށް ކަނޑައެޅިދާނެ އެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނެފައިވާ ގޮތުން ކުޑަ ކުއްޖެއްގެ ގާނޫނީ ބެލެނިކަމާ ހަވާލުވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ހަވާލު ކުރާނެ ފަރާތެއް ކަނޑައަޅާނީ ކުޑަކުދިންނާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ޝަރުއީ ޥުޒާރާއަކުން ކަމަށެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ބިލަށް ބަހުސްކުރެއްވި ހުރިހާ މެންބަރުން ވެސް ބިލަށް ތާއިދު ކުރެއްވި އެވެ. އަދި މެންބަރުން ވިދާޅުވީ ކުޑަކުދިންނަށް ކުރާ ގޯނާ އާއި ލިބެމުންދާ އަނިޔާ މިހާރުން މިހާރަށް ހައްލު ކުރެވޭނެ އުސޫލެއް ނުވަތަ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރާން ޖެހޭ ކަމަށެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބިލް މަޖިލީހަށް ބަލައިގެންފަ އެވެ. އެގޮތުން ބިލް ބަލައިގަތުމަށް ފާސްވީ 41 މެންބަރުންގެ ވޯޓުންނެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ އެއް މެންބަކު ހުންނެވި އެވެ.