ޓްރާންސްޕޯޓް އޮތޯރިޓީން ވިއްކަމުން ގެންދާ އެއްގަމު ވެހިކަލްތަކުގެ ޑޮމެއިން ނަމްބަރު ވިއްކުން މެދުކަނޑާލަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި އަންގާފައި ވަނީ އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީ ނަމްބަރުގެ ބަދަލުގައި ބޭނުންކުރާ ޑޮމެއިން ނަމްބަރުތައް ވިއްކައިގެން ލިބޭ ފައިސާ ބަލައިގަތުމުގެ ކަންތައްތައް ކުރިޔަށް ގެންދަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށްތޯ ބަލަން ބޭނުންވާ ކަމަށެވެ. އަދި އެކަންތައްތައް ބަލައި ނިމެންދެން ޑޮމެއިން ނަމްބަރު ވިއްކުމުގެ ކަންތައްތައް ކުރިޔަށް ނުގެންދަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަމާ މެދު ފިނޭންސްއާ އެކު މަޝްވަރާކުރަން ނިންމާފައި ވަނީ. މިކަން އަޅުގަނޑުމެން ފެށީ އެޓާނީ ޖެނެރަލްގެ ފަރާތުން ލަފާ ހޯދައިގެން. އަދި އެކަމާ ގުޅޭ ގަވައިދެއް ވެސް ހަދައިގެން. އަޅުގަނޑު ނުދެކެން މިކަމުގައި މާބޮޑު މައްސަލައެއް އޮތް ކަމަށް،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ދެ ބުރެއްގެ މަތިން ނަންބަރުތަކެއް ވިއްކާފައިވާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ތިން ވަނަ ބުރުގައި ވިއްކާ ނަންބަރުތައް އިއުލާންކުރަން ޖެހޭ ހަފުތާ. ނަމަވެސް އެ އެންގުމާ ގުޅިގެން އަދި އިއުލާނެއް ނުކުރަން،" ނާފިޒު ވިދާޅުވި އެވެ.

އެ އޮތޯރިޓީން ޑޮމެއިން ނަންބަރު ވިއްކަނީ އޮންލައިން ސިސްޓަމެއް މެދުވެރިކޮށް ނީލަން އުސޫލުންނެވެ. އެ އޮތޯރިޓީން ސައިކަލްގެ ޑޮމެއިން ނަންބަރުގެ ނީލަމުގައި ފެށޭ އަގަކީ 15،000.ރ އެވެ. އަދި ކާރު ނަންބަރުގެ ޑޮމެއިން ނަމްބަރު ފަށާ އަގަކީ 25،000ރ. އެވެ.