12 Jun 2013, 14:58
އަންނަ ރޯދަމަހުގެ އިނާޔަތުގެ ފައިސާ، ޖުލައި މަހުގެ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހު މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
މިނިސްޓަރު އަބްދުﷲ ޖިހާދު ސޮައިކުރައްވައި މިމަހުގެ ދިހަ ވަނަ ދުވަހު ނެރެފައިވާ މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނެފައި ވަނީ، ވަޒީފާއާބެހޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި އެމީހަކަށް ލިބޭ މުސާރައިގެ ތިންބައިކުޅަ އެއްބައި ދޭންވާނޭ ކަމަށެވެ. އަދި މުސާރައިގެ ތިންބައިކުޅަ އެއްބައި 2،000 ރ. އަށް ވުރެ މަދުވާނަ އެ މުވައްޒަފަކަށް ދޭނީ 2،000 ރ. ކަމަށާއި މުސާރައިގެ ތިންބައިކުޅަ އެއްބައި 10،000 ރ. އަށްވުރެ އިތުރުވާނަމަ ދޭނީ 10،000 ރ. ކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު ރޯދަމަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެ ނަމަ، އޭނާ ވަކިވި ދުވަހާ ހަމަޔަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ، އެ މުވައްޒަފެއްގެ އަތުން ހޯދައި އަނބުރާ ޖަމާކުރަންވާނެ ކަމަށާއި އަދި ރަމަޟާން މަހުގައި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ މުވައްޒަފުންނަށް އިނާޔަތް ދޭނީ ރަމަޟާންމަހުގައި އެ މީހަކު މަސައްކަތް ކުރާ ދުވާހާ ހަމައަށް ކަމަށެވެ.
އެ ސާކިއުލާގައި ބުނެފައިވާގޮތުން މުސާރަ ލިބޭގޮތަށް އެއް ވަޒީފާއައްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތްދޭއިރު ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އެހެން ވަޒީފަތަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް އަންގާފައިވެ އެވެ.