12 Jun 2013, 14:20
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިލްޓަން އަޒްލިފް ރައޫފްގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް 15 ދުވަސް އިތުރުކޮށްފި އެވެ.
އަޒުލިފް ރައުފަކީ ސިފައިންގެ ކޯޕްރަލްގެ ވަޒީފާގައި ހުރި މީހެކެވެ. ނަމަވެސް މިހާރު ވަނީ ސިފައިންގެ ވަޒީފާ އިން އޭނާ ވަކިކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރީ މިއަދު މެންދުރު ކަމަށެވެ.
އަޒްލިފް މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި މީހުންނަށް ބިރުދެއްކުމާއި ގޭންގު ހިންގުމާއި އަދި ގޭންގު މެދުވެރިކޮށް ޖިނާއީ އެކިއެކި ކުށް ކުރަން ރާވައި ހިންގުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ އަޒްލިފް ރައޫފް އަކީ އަފްރާޝީމް އަވަހާރަކޮށްލަން ރޭވުމުގައި ހަރަކާތްތެރިވި މީހެއް ކަމަށެވެ. އަދި އޭނާ އަކީ ކުޑަހެންވޭރު ގްރޫޕްގެ އިސް މީހެއް ކަމަށާއި އޭނާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް މީހުންނަށް ފައިސާ ދީގެން ޖިނާއީ އެކިއެކި ކުށްތައް ކުރާ މީހެއް ކަމަށް ވެސް އެ ބަޔާނުގައި ހުމާމް ވަނީ ބުނެފަ އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގެ ޝަރީއަތުގައި ހުސައިން ހުމާމް ބުނެފައި ވަނީ އަފްރާޝީމް މަރާލުމުގެ ކަންތައްތައް ރާވާފައި ވަނީ އަޒުލީފު ކަމަށެވެ. އަދި އޭނާއަކީ ޒުވާނުން ބޭނުންކޮށްގެން ފައިސާ ދީގެން މާރާމާރީ ހިންގަމުންދާ މީހެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު (ޖާ) އާއި ޝަހީން މުހައްމަދު ނަމަކަށް ކިޔާ މީހަކާއި އަދި އާދަމް ސޮލާހު (ސްޕައި)ގެ ފާސްޕޯޓް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓައިފަ އެވެ.