އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ރަޖީވު ޝަހާރޭ ރާއްޖޭގެ ގައުމީ ޔުނިވަސަޓީ އަށް އިއްޔެ ޒިޔާރަތް ކުރައްވައިފި އެވެ.

ގައުމީ ޔުނިވަސިޓީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ޝަހާރޭ އެ ޔުނިވަސިޓީ އަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާ އިން ޔުނިވަސިޓީ އަށް ދެއްވިދާނެ އެހީތަކާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް އެހީ ހޯދުމަށް މަޝްވަރާ ކުރި ދާއިރާތަކެއް އަދި އެހީއެއް ވުމަށް ނިންމި ކަމެއް ބުނެފައެއް ނުވެ އެވެ.

އިންޑިއަން ހައިކޮމިޝަނުން މިއަދު ބުނީ ހައިކޮމިޝަނަރުގެ ޒިޔާރަތުގައި ވަކި ކަމަކަށް އަދި ވައުދުވެފައި ނުވާނެ ކަމަށެވެ. ނަމަވެސް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިނާ ބައްދަލު ކުރެއްވުމުގެ އުންމީދު ހައި ކޮމިޝަނަރު ކުރައްވާ ކަމަށާއި އެހީގެ ކަންތަކާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށެވެ.

އިއްޔެގެ ބައްދަލުވުމުގައި ޗާންސެލަރު ބައިވެރިވަޑައެއް ނުގަންނަވަ އެވެ.

ހައިކޮމިޝަނަރުގެ ޒިޔާރަތުގައި އިންޑިއާގެ އެހީގައި އިމާރާތްކުރާ، ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލްޓީ އެންޑް ޓޫރިޒަމް ސްޓަޑީގެ މަސައްކަތުގެ މައުލޫމާތު ހައިކޮމިޝަނަރަށް އެރުވި ކަމަށް ގައުމީ ޔުނިވަސިޓީ އިން ބުންޏެވެ.