ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިން ކުޅިވަރުގައި ބޭނުންކުން މަނާބޭސް ބޭނުންކުރާ ކަމަށާއި ކުޅުންތެރިން އެފަދަ ބޭސް ބޭނުން ކުރޭތޯ ހަދާ "ޑޯޕިން ޓެސްޓް" ހަދަން ޖެހޭ ކަމަށް ވީބީ އައްޑޫ އެފްސީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

ނަޒީހު ބުނީ ދިވެހި ލީގުގައި މިހާރު ކުޅެމުން އަންނަ ބައެއް ކުޅުންތެރިން މެޗަށް އެރުމުގެ ކުރިން މަނާ ބޭސް ބޭނުން ކުރާކަން އޭނާއަށް ޔަގީން ކަށަވަރު ކަމަށާއި އެކަމާ ދޭތެރޭގައި މިވަގުތުން ފެށިގެންވެސް ފިޔަވަޅު އެޅުމަށް އެފްއޭއެމްއަށް ގޮވައިލާ ކަމަށެވެ.

"އަޅުގަނޑު އެފްއޭއެމްއަށް ދަންނަވާލަން ބޭނުން މިހާރު ވެއްޖެޔޭ ޑޯޕިން ޓެސްޓު ހެދުމުގެ މަސައްކަތް ފަށަން. 110 ޕަސެންޓާއެކު މި ދަންނަވަނީ އަޅުގަނޑުމެންނާ އެކު ކުޅުނު ބައެއް ޓީމުތަކުގެ ކުޅުންތެރިން ބޭސް ބޭނުންކުރޭ. ދެން ހަމަ ޔަގީނުންވެސް އަޅުގަނޑުމެންނާ އެކީގަ އެކަންޏެއް ނޫން އެމީހުން ބޭސް ބޭނުންކޮށްގެން ކުޅޭނީކީ،" ނަޒީހު ބުންޏެވެ. "މީ ހަމަ 150 ޕަސެންޓް ހެއްކާއެކީގައި މިދަންނަވަނީ. އެބަހުރި މިކަންތައް ހިނގާފައި،"

ނަޒީހު ބުނީ ޑޯޕިންގެ މައްސަލައަކީ އެއިޑްސްއަށް ވުރެވެސް ނުރައްކާހުރި ކަމެއް ކަމަށާއި އެވަރުގެ ނުރައްކާތެރި ބާރުގަދަ ބޭސް ބޭނުންކޮށްގެން މި ސީޒަންގައި ގިނަ ކުޅުންތެރިންތަކެއް މެޗުތައް ކުޅުމަށް އަރާ ކަމަށެވެ.

"މީ އަދި އެއިޑްސްއަށްވުރެވެސް ނުރައްކާ ހުރި ކަމެއް. އެއިޑްސްބަލި ޖެހިފައިވެސް ދެތިން އަހަރު ދުނިޔޭގައި ހުރެދާނެ. އެކަމަކު މިފަދަ ބޭސް ބޭނުންކޮށްގެން ދުއްވައިގަންނަ ތަނުން ހާޓް-އެޓޭކެއް ޖެހިގެން ވެއްޓި މަރުވެސް ވެދާނެ. އެވަރުގެ ނުރައްކާތެރި ބޭސް ބޭނުންކޮށްގެން އެބަ ކުޅެވެމުންދޭ މި ސީޒަން ތެރޭގައި،" ނަޒީހު ބުންޏެވެ.

ވީބީގެ ކޯޗު ބުނީ އޭނާ އެވާހަކަ ދައްކަނީ މީހަކު ބުނި ބުނުމަކަށް ނޫންކަމަށާއި އެއީ ހެއްކާއި ގަރީނާއާއެކު އޭނާއަށް ވަރަށް ބޮޑަށް ޔަގީންކަމާއެކު އެނގިގެން ދައްކާ ވާހަކައެއް ކަމަށެވެ. އެހެންވީމާ އެފްއޭއެމްއިން ހަމަ މާދަމައިން ފެށިގެންވެސް އެ ކަންތައް ބަލައި ފިޔަވަޅު އަޅަން އެބަ ޖެހޭ ކަމަށެވެ.

ނަޒީހު ފާހަގަ ކުރި ގޮތުގައި އެންމެ ތިންގުޅަ ބޭހާ ހެދި ކުޅުންތެރިއެއްގެ ފުރާނަ ގެއްލިގެން ދިއުމަކީ އެއްވެސް ގޮތެއްގައި ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.

"އެއީ ނުރައްކާތެރި ކަމެއް. ކުޅުންތެރިޔަކު މަރުވެސް ވެދާނެ. އޭގެއިން އޭނާގެ ޕާފޮމަންސަށް ބަދަލު އަންނާތީކީ ނޫން. އެތައްބައެއްގެ އެތައް ބުރަ މަސައްކަތަކުން ދަރިއަކު ހޯދައިގެން މި ބޮޑުކުރަނީ. ބޮޑުކުރާ ތަނުން ހަމަ އެންމެ ތިންގުޅަ ބޭހާ ހެދި އެކުއްޖާ ހާޓް-އެޓެކެއް ޖެހިގެން މަރުވީމަ އެއީކީ އޭގެ އެންމެ އެދެވޭ ގޮތެއް ނޫންކަން ނޭނގެ،" ނަޒީހު ބުންޏެވެ.

"އެހެންވީމަ އެފްއޭއެމްގެ ބޮޑީއިން އެބަޖެހޭ ވަގުތުން ފިޔަވަޅު އަޅަން. މާދަމައިން ފެށިގެންވެސް ފިޔަވަޅު އަޅަން އަޅުގަނޑު ގޮވާލަން. އެއީ އަޅުގަނޑުގެ އެފްއޭއެމްގެ ފަރާތުން އެދޭވަރަށް ބޮޑު އެދުމެއް"