ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން މިހާރު ނަގަމުން އަންނަ އަށް ޕަސެންޓުގެ ޓީޖީއެސްޓީ، 15 ޕަސެންޓަށް ބޮޑުކޮށް، ޑީސަލާއި ޕެޓްރޯލުން ޖީއެސްޓީ ނެގުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންގޮސްފި އެވެ.

ސަރުކާރު ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ސްޕޮންސާކޮށްގެން މަޖިލީހަށް ހުށަހެޅުއްވި ބިލް އަނބުރާ ގެންދެވީ، އެ ބިލާމެދު މިއަދުގެ މަޖިލީހުގައި ދެ ގަޑިއެއްހާއިރުގެ ބަހުސެއްކޮށްފައި ވަނިކޮށެވެ. މަޖިލީހަށް މިއަދު އެ ބިލް ހުށަހަޅުއްވަމުން ވެސް ރިޔާޒު ރަޝީދު ސަރުކާރުގެ އެ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ފާޅު ކުރައްވާފަ އެވެ.

ބިލު އަނބުރާ ގެންދެވި ސަބަބު ބަޔާންކޮށްދެއްވަމުން ރިޔާޒު ވިދާޅުވީ އެ ބިލާމެދު ސަރުކާރަށް ތާއިދު ކުރާ މަޖިލިސް މެންބަރުނާއި އިނދިކޮޅު މެންބަރުންނާއި މިނިވަން މެންބަރުންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުރި ކަމަށެވެ. އެހެންކަމުން ސަރުކާރުން އެކަމުގައި ބޭނުންވަނީ މަޖިލީހުން ނިންމަވާ ގޮތެއް، ކަމަށާއި މެންބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެ ބިލް އަނބުރާ ގެންދަވާ ކަމަށެވެ.

ޖީއެސްޓީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގައި ބުނެފައި ވަނީ ޓޫރިޒަމްގެ ދާއިރާގެ މުދަލާއި ހިދުމަތުން ޖީއެސްޓީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން ނަގަމުންދާ އަށް ޕަސެންޓު، މި މަހުން ފެށިގެން 15 ޕަސެންޓަށް ބޮޑުވާނެ ކަމަށެވެ. ޖީއެސްޓީ ދައްކަން ނުޖެހޭ ބާވަތްތަކުން ނުވަތަ ސުންރޭޓުގައި ޖީއެސްޓީ ދައްކަންޖެހޭ މުދަލާއި ހިދުމަތްތަކުގެ ލިސްޓުން ޑީސަލާއި ޕެޓްރޯލް އުނިކުރުމަށް ހުށަހަޅާފައިވެ އެވެ. އެ ލިސްޓުން ޑީސަލާއި ޕެޓްލޯލް އުނިކޮށްފި ނަމަ އެ ދެ ބާވަތްތަކުން ޖީއެސްޓީ ނަގަން ލާޒިމްވާނެ އެވެ.

ޑީސަލާއި ޕެޓްރޯލުން ޖީއެސްޓީ ނެގުމަށް ހުށަހަޅާފައިވުމުން ސަރުކާރަށް ތާއިދު ކުރާ މެންބަރުންނާ އިދިކޮޅު އެންޑީޕީންގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން މަޖިލީހުގެ ބަހުސްގައި ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.