ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ އަދި ރެކޯޑުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅެފައިވާ ފިރިހެން މީހާ ކަމަށްވާ ޖަޕާނުގެ ޖިރޮއެމޮން ކިމޫރާ އުމުރުން 116 އަހަރުގައި މަރުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގައި އައްސުލްތާން މުހައްމަދު އިމާދުއްދީން (6) ހުންނަވަނިކޮށް 1897 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އުފަންވީ ޖިރޮއެމޮން ކިމޫރާ މަރުވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ޖަޕާނުގެ މީޑިއާތަކުން ބުނެ އެވެ.

ޖަޕާނުގެ ކިޔޯޓޯގައި ދިރިއުޅެމުން އައި ޖިރޮއެމޮން ކިމޫރާ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ އަށް ވެފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ ކަމަށްވާ ޑީނާ މެންފްރެޑިނީ އުމުރުން 115 އަހަރުގައި މަރުވުމުން ނެވެ.

ދުނިޔޭގައި އެންމެ ގިނަ ދުވަހު އުޅުން ކަމަށް ރެކޯޑުތަކުން ދައްކަނީ ފަރަންސޭސި އަންހެނެއް ކަމަށްވާ ޖޯން ކެލްމޮންޓެވެ. ޖޯން ކެލްމޮންޓް މަރުވެފައި ވަނީ 1997 ވަނަ އަހަރު އުމުރުން 122 އަހަރުގަ އެވެ.

ޖަޕާނުގެ ސަރުކާރުން ބުނީ ކިމޫރާ މަރުވެފައި ވަނީ އޭނާގެ އުފަން ރަށް ކަމަށްވާ ކިޔޮޓެންގޯގައި ކަމަށާއި މިދިޔަ މަހުން ފެށިގެން އޭނާ ނިއުމޯނިއާ އަށް ފަރުވާ ހޯދަމުން އައިސްފައިވާ ކަމަށެވެ.

ކިމޫރާ ވަނީ ޖަޕާނުގައި ވިރާސީ ވެރިކަން ކުރި ފަސް އެމްޕެރާއިންނާއި އޭގެ ފަހުން ވެރިކަންކުރި 61 ބޮޑު ވަޒީރުންގެ ވެރިކަން ދެކިފަ އެވެ.

ކިމޫރާ ބުނެފައި ވަނީ އޭނާ ދުނިޔޭގައި އެހާ ގިނަ ދުވަހު ހުރެވުނީ ސިއްހަތަށް ބަލައިގެން އުޅުމުން ކަމަށެވެ. މިގޮތުން ފަތިހާ ހޭލުމާއި މަދުން ކެއުމަކީ މުހިއްމު ކަމެއް ކަމަށް ކިމޫރާ ބުނެފައިވެ އެވެ.

އުމުރުން 14 އަހަރުގައި ސްކޫލު ނިންމުމަށް ފަހު ކިމޫރާ 45 އަހަރު ވަންދެން ޕޯސްޓް އޮފީހުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން އުމުރުން 69 އަހަރުގައި ރިޓަޔާކުރުމަށްފަހު ވެސް ކިމޫރާ ވަނީ އޭނާގެ ފިރިހެން ދަރީގެ ދަނޑުގައި ދަނޑުވެރިއެއްގެ މަސައްކަތްކޮށްފަ އެވެ.

ކިމޫރާގެ މަރާއެކު މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހަކީ ޖަޕާނުގެ އަންހެނެއް ކަމަށްވާ މިސާއޯ އޮކާވާ އެވެ. އޮކާވާއަށް މިހާރު ވަނީ 115 އަހަރު ވެފަ އެވެ.

ޖަޕާނަކީ ދުނިޔޭގެ އެންމެ ލައިފް އެކްސްޕެކްޓަންސީ ނުވަތަ ދުނިޔޭގައި ހުންނަ ދިގުމިނުގެ މުއްދަތު ބޮޑު ގައުމެވެ. ޖަޕާނުގެ އެވަރޭޖް ލައިފް އެކްސްޕެކްޓެންސީއަކީ 83 އަހަރެވެ.

މިވަގުތުވެސް ޖަޕާނުގައި އުމުރުން 100 އަހަރުވެފައިވާ 51،000 މީހުން އެބަ ތިއްބެވެ.