ޝެއިޚް އިބްރާހީމް ފަރީދު އަހްމަދު އާއި އިސްލާމިކް ފައުންޑޭޝަންގެ ނައިބު ރައީސްގެ މައްޗަށް ވައްކަމާއި ޚިޔާނާތުގެ މައްސަލައެއް ތުހުމަތުކޮށް މީޑިއާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ، އެ ދެ ބޭފުޅުން އެ ޖަމްއިއްޔާގެ ރައީސް މައްޗަށް ތިން މިިލިއަން ރުފިޔާގެ އަބުރުގެ ދައުވާއެއް އުފުލައިފި އެވެ.

އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހީމް ފައުޒީގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާފައި ވަނީ ޝެއިޚް އިބްރާހީމް ފަރީދު އަހްމަދު އާއި އިސްލާމިކް ފައުންޑޭޝަންގެ ނައިބު ރައީސް މުހައްމަދު ފައުޒީ އެވެ.

އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ.

ޝެއިޚް ފަރީދު އާއި މުހައްމަދު ފައުޒީ ކުރެއްވި ދައުވާގައި އެދިފައި ވަނީ އިބްރާހީމް ފައުޒީ އެ ދެ ބޭފުޅުންގެ އަބުރާއި ބެހިއްޖެ ކަމަށް ކަނޑައަޅައި އަބުރާއި ބެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،045،000ރ. އޭނާގެ އަތުން ނަގައިދިނުމަށެވެ.

އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ވިދާޅުވީ ފަރީދަކީ ދިވެހީންގެ މެދުގައި މަގުބޫލު ދީނީ އިލްމުވެރިޔަކަށް ވާތީ އިބްރާހީމް ފައުޒީގެ އެ ވާހަކަތަކުގެ ސަބަބުން އޭނާގެ އަބުރާއި އިއްޒަތަށް އުނިކަމެއް ލިބިފައިވާ ކަމަށް ދައުވާގައި ބުނެފައިވާނެ ކަމަށެވެ. އަދި މުހައްމަދު ފައުޒީ އަކީ ނޫރުލް ގުރުއާން ކުލާހުގެ މަސްއޫލުވެރިޔާގެ އިތުރުން ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގާ ފަރާތަކަށް ވުމުން އިބްރާހީމް ފައުޒީ މީޑިއާގައި ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާގެ މަސައްކަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މީޑިއާ ކުރިމަތީގައި މައާފަށް އެދި ޖެހިޖެހިގެން ތިން ދުވަސް ވަންދެން ބަޔާނެއް އާންމު ކުރުމަށް އިބްރާހީމް ފައުޒީގެ މައްޗަށް އަމުރުކޮށްދިނުމަށް ދައުވާގައި އެދިފައިވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މީޑިއާގައި ދައްކާފައިވާ ވާހަކަތަކަށް މައާފަށް އެދި ނޫރުލްގުރުއާން ކުލާސް ރޫމްގެ ނޯޓިސް ބޯޑުގައި ލިޔުމެއް ޝާއިއުކުރުމަށް ފައުޒީގެ މައްޗަށް އަމުރުކޮށްދިނުމަށް ދައުވާގައި އެދިފައިވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.