01 Nov 2010, 07:40
މޯބައިލް ބޭންކިން، ކީސާގެ ހިދުމަތް ކަސްޓަމަރުންނަށް ދޭނެ އެޖެންޓުން ހޯދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިއުލާނުކޮށްފި އެވެ.
އެމްއެމްއޭ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނަނީ ކީސާ އެޖެންޓުން ހޯދަނީ ކީސާގެ ހިދުމަތް ތައާރަފު ކުރުމުން އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ފަސޭހަ ކަމާ އެކު ފޯރުކޮށްދިނުމަށް ކަމަށެވެ.
އެމްއެމްއޭ އިން އަދި ބުނީ ކީސާ އެޖެންޓުނަކީ ބޭންކުތަކުގެ ފަރާތުން އައްޔަން ކުރުމަށް ފަހު ތަމްރީނުދީ ކޮމިޝަން އުސޫލުން މަސައްކަތްކުރާނެ ފަރާތްތަކެއް ކަމަށާއި ރާއްޖޭގެ މޮބައިލް ބޭންކިން، ކީސާގެ އެޖެންޓަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކާއި ވިޔަފާރިކުރާ ތަންތަންނަށް އެޖެންޓުންނަށް ވެވިދާނެ ކަމަށެވެ.
ކީސާ އެޖެންޓްނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމަ އަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އެމްއެމްއޭ އިން ކީސާގެ ހިދުމަތް ތައާރަފުކުރަނީ އަންނަ އަހަރުގެ ކުރީ ކޮޅުގަ އެވެ. ކީސާގެ ހިދުމަތަކީ މޮބައިލް ފޯނުގެ ޒަރީއާއިން ބޭންކް ހިދުމަތާއި ފައިސާގެ މުއާމަލާތް ކުރެވޭނެ ނިޒާމެކެވެ. މި ހިދުމަތް ތައާރަފުކުރުމުން ބޭންކަށް ނުގޮސް މޮބައިލް ފޯނު މެރުވެރިކޮށް ހިދުމަތް ހޯދޭނެ އެވެ. އަދި މި ހިދުމަތުގައި އެކައުންޓު ހުޅުވުމުން މުސާރަ އާއި ޕެންޝަންގެ ފައިސާ ޖަމާވަމުންދާނީ މި އެކައުންޓަށެވެ.