ސްޕެއިންގެ ސެވިއްޔާއަށް ކުޅޭ ހުނަރުވެރި މިޑަފީލްޑަރު ޖީސަސް ނަވާސް، 14.9 މިލިޔަން ޕައުންޑުގެ ފީއަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފި ކަމަށް ސިޓީއިން ބުނެފި އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 23 މެޗު ކުޅެދީފައިވާ އުމުރުން 27 އަހަރުގެ ނަވާސްއަކީ، މިހާރު ކުރިއަށްދާ ޓްރާންފާގައި ސިޓީއަށް ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. އެގޮތުން އެކުލަބުން ވަނީ މީގެ ކުރިން 30 މިލިޔަން ޕައުންޑުގެ ފީއަކަށް ޔޫކްރެއިންގެ ޝަޚްތަރު ޑޮނެސްޓްކްއަށް އަށް އަހަރު ދުވަސްވަންދެން ކުޅެދީފައިވާ، ބްރެޒިލްގެ އުމުރުން 28 އަހަރުގެ ތަޖްރިބާކާރު މިޑްފީލްޑަރު ފާނަންޑީނިއޯ ހަތަރު އަހަރު ދުވަހުގެ މުއްދަތައް އެ ކުލަބަށް ގެނެސްފަ އެވެ.

ނަވާސްއާއި ހަވާލާދީ ސިޓީގެ ވެބްސައިޓްގައި ބުނެފައިވަނީ، ސިޓީއަށް ބަދަލު ވުމަކީ މިވަގުތު ނިންމުނު އެންމެ ރަނގަޅު އެއް ނިންމުން ކަމަށާއި އަދި ސިޓީފަދަ ބޮޑޫ ކުލަބެއްގައި ހުރެގެން އޭނާގެ ފުޓްބޯޅައިގެ ހުނަރު އިތުރަށް ތަރައްގީ ކުރެވޭނޭ ކަމަށް ގަބޫލު ކުރާކަމަށެވެ.
"އަހަރެންނަށް މި ލިބުނު ފުރުސަތާއި، އަދި އަހަރެންގެ މި ނިންމުމާއި ދޭތެރޭގައި ވަރަށް ހިތްހަމަ ޖެހޭ،" ނަވާސް ބުންޏެވެ.

އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރު ސެވިއްޔާގައި ހޭދަކުރި ނަވާސް އެހެން ޓީމަކަށް ބަދަލު ނުވެ ހުންނަނީ ރަށުންބޭރުގައި އުޅެން ޖެހުމުން ގަންނަ ބިރު "ހޯމްސިކްނެސް"ގެ ސަބަބުން ނެވެ. އެގޮތުން 2006 ވަނަ އަހަރު ޗެލްސީއަށް ބަދަލުވާން އުޅެފައިވެސް ނަވާސް އެފަހަރު ޗެލްސީއަށް ބަދަލު ނުވީ އެމައްސަލައިގެ ސަބަބުން ނެވެ.

އެހެން ނަމަވެސް ދިގު މުއްދަތަކަށް އެންޒައިޓީއާއި ހޯމްސިކްނެސްއަށް ފަރުވާ ހޯދުމުގެ ސަބަބުން މިހާރު އެ މައްސަލަ ހައްލުވެފައިވާ ކަމަށް ވެއެވެ.