ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެންޑީއެމްސީ) އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގުމަށް ނުފެންނަ ކަމަށް މަޖިލީހުން އިއްޔެ ފާސްކޮށްފައި ވަނިކޮށް، އަނެއްކާވެސް އެ ތިން އިދާރާ ޑިފެންސުގެ ދަށުން ހިންގާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ގާނޫނު އަސާސީގެ 116 މާއްދާގެ (ހ)ގައި ބުނަނީ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ މާއްދާގެ (ށ)ގައި ބުނަނީ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅައިފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެ ކަމަށެވެ.

ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާޒުގެ ދަށުން، ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރު، 2012 މެއި 6 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، 2012 ޑިސެމްބަރު 28 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސަވައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށިގެން އެތަން ހިންގަނީ ޑިފެންސުންނެވެ.

ރައީސް އޮފީހުން ބުނީ ޑިފެންސުގެ ދަށަށް ބަދަލު ކުރަން ނުފެންނަ ކަމަށް މަޖިލީހުން ފާސްކުރި ތިން އިދާރާ ކަމަށްވާ އިމިގްރޭޝަނާއި އެންޑީއެމްސީއާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އަނެއްކާވެސް ޑިފެންސުގެ ދަށަށް ބަދަލު ކުރީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ އިހްތިޔާރުގެ ދަށުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން މަޖިލީހަށް އަނެއްކާވެސް ފޮނުވައި މަޖިލީހުން ފާސްކުރަން ޖެހޭނެ އެވެ.