12 Jun 2013, 12:56
އިގްތިސާދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ގްރީސް އިން ހަރަދުކުޑަކުރުމުގެ ގޮތުން އެގައުމުގެ ޕަބްލިކް ބްރޯޑްކާސްޓާ އީއާރުޓީގެ ޗެނަލްތައް ހުއްޓާލައި ހިދުމަތް މެދުކަނޑާލައިފި އެވެ.
ގްރީސް ގްރީސް ސަރުކާރުގެ ތަރުޖަމާނު ކެޑިކޮގުލޫ ވިދާޅުވި ގޮތުގައި އީއާރުޓީގެ ޗެނަލްތައް މިހާރު ހުއްޓާލާފައިވާ އިރު، ކުންފުނީގެ ހުރިހާ މުވައްޒަފުން ވަނީ ވަކި ގޮތެއް އަންގަންދެން ސަސްޕެންޑުކޮށްފަ އެވެ.
އިގްތިސާދީ ގޮތުން ގްރީސް އިނދަޖެހިފައިވާ އިރު އެ ގައުމުގެ ސަރުކާރުން ދަނީ ހަރަދު ކުޑަ ކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުން ނެވެ.
ގްރީސް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ގްރީސްގެ ޕަބްލިކް ބްރޯޑްކާސްޓިންގް ކުންފުނި އީއާރުޓީއަކީ ބޭކާރު ހަރަދުތައް އެއްވެސް ބެލުމެއް ނެތި ކުރާ ކުންފުނިތަކުގެ ނަމޫނާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ 2،500 މުވައްޒަފުން ވަޒީފާތަކުން ވަކިކުރަން ނިންމާފައިވާ ކަމަށާއި ކޮންމެ މުވައްޒަފަކަށް ވެސް ވަކިކުރުމުން އިނާޔަތެއް ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާ ކުޑަ ކުންފުންޏެއްގެ ގޮތުގައި ޕަބްލިކް ބްރޯޑްކާސްޓަރެއް ވުޖޫދަށް އަންނަ އިރު ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީއާރުޓީ ބަންދުކުރުމުން އެތާނގެ މުވައްޒަފުންނާ ނޫސްވެރިން ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކުރަން ފަށާފަ އެވެ.
އީއާރުޓީގެ ބެލުމުގެ ދަށުގައި ވަނީ ތިން ޓީވީ ޗެނަލަކާއި ހަތަރު ރޭޑިއޯ ސްޓޭޝަނެއްގެ އިތުރުން ސަރަހައްދީ ތަފާތު ރޭޑިއޯ ސްޓޭޝަންތައް ހިންގާފަ އެވެ.