ޕްރޮފެޝަނަލް ސޯޝަލް ނެޓްވޯކެއް ކަމަށްވާ ލިންކްޑްއިންގެ ސެކިއުރިޓީ މައްސަލައެއް ދިވެއްސަކު ހޯދައިފި އެވެ.

މަސައްކަތްކުރާ މީހުންގެ ސޯޝަލް ނެޓްވޯކް ނުވަތަ ޕްރޮފެޝަނަލް މީހުންގެ "ފޭސްބުކު"ގެ ގޮތުގައި މަޝްހޫރުވެފައިވާ ލިންކްޑްއިންގެ ސެކިއުރިޓީ މައްސަލައެއް ހޯދާފައި ވަނީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ސީނިއާ ސެކިއުރިޓީ ޑެވެލޮޕާ އިސްމާއިލް ކަލީމެވެ.

އެންސީއައިޓީ އިން މިއަދު ބުނީ ލިންކްޑްއިންގެ ވެބްސައިޓުން ފާހަގަކުރެވުނު ސެކިއުރިޓީ މައްސަލައަކީ ކްރޮސް ސައިޓް ސްކްރިޕްޓިންގް (XSS)ގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ޕާސިސްޓަންޓް ވެބް ވަލްނަރަބިލިޓީ އެވެ.

ކްރޮސް ސައިޓް ސްކްރިޕްޓިންގްއަކީ ވެބްސައިޓެއްގެ ޕޭޖަށް ހެކްކުރާ މީހަކަށް ބޭނުންވާ ކޯޑެއް އިންޖެކްޓް ކުރެވޭ ކުރުމަށް ކިޔާ ނަމެކެވެ. ކްރޮސް ސައިޓް ސްކްރިޕްޓިންގް އެންމެ ނުރައްކާތެރި ވައްތަރަކީ ޕާސިސްޓަންޓް ވަލްނަރަބިލިޓީ އެވެ. ޕާސިސްޓަންޓް ވަލްނަރަބިލިޓީއަކަށް ވަނީ ކްރޮސް ސައިޓް ސްކްރިޕްޓިންގައި އިންޖެކްޓްކުރެވޭ ކޯޑު ސާވާ އަށް ނެގި ވެބްސައިޓްގައި ހުރުމުން ނެވެ.

އިސްމާއިލް ކަލީމްގެ ހޯދުން ލިންކްޑްއިން އަށް އެންގުމުން، އެކުންފުނިން ވަނީ މި މައްސަލަ ރަނގަޅުކޮށްފަ އެވެ. އެންސީއައިޓީ އިން ބުނީ ލިންކްޑް އިން އަށް މައްސަލަ ރިޕޯޓުކޮށްފައި ވަނީ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ކަމަށާއި ލިންކްޑް އިން އިން އެމައްސަލަ ހައްލުކޮށްފައި ވަނީ މޭ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

ލިންކްޑްއިން އިން މިކަން އާއްމުކޮށް އެންގުމަށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިސްމާއިލް ކަލީމް ހޯދާފައިވާ ސެކިއުރިޓީ މައްސަލައަކީ "މީޑިއަމް" މައްސަލައެއްގެ ގޮތުގައި ކުލެސިފައި ކުރުމަށް ފަހު އެކަން ރަނގަޅުކޮށްފައިވާނެ ކަމަށެވެ.

އެންސީއައިޓީ އިން ބުނީ މިކަން ދިވެހި ޒުވާނަކު ހޯދާފައި ވާތީވެ، މިނިސްޓަރު އިފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަމީން އިބްރާހިމް، އިސްމާއިލް ކަލީމާ ބައްދަލުކޮށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

ވެބްސައިޓްތަކާއި މޯބައިލް ފަދަ އައިޓީ ދާއިރާގެ ޕްރޮޑަކްޓްތަކުގައި ހުންނަ ސެކިއުރިޓީ މައްސަލަތައް ހޯދާ ވެބްސައިޓެއް ކަމަށްވާ ވަލްނަރެބިލިޓީ ލެބޯޓަރީގައިވާ އިސްމާއިލް ކަލީމްގެ ޕްރޮފައިލްގައިވާ ގޮތުން ކަލީމް ވަނީ މީގެ ކުރިން މަޝްހޫރު ފޯނު ކުންފުނި ބުލެކްބެރީގެ ވެބްސައިޓުގައިވާ މައްސަލައެއް ވެސް ހޯދާފަ އެވެ.