ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ބާތިލު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބާއްވަން ޝެޑިއުލްކުރި ޝަރީއަތުގެ މަޖިލީހަށް އެމްޑީޕީން ހާޒިރުވެފައި ނުވާތީ ސިވިލް ކޯޓުން މިއަދު އެ މައްސަލަ ބާތިލުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ކުރި ދައުވާގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ތަފާތު ނުކުރުމަށް ބުނެފައިވާ ބުނުމާއި ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާ ހަމަހަމަ ކަމުގެ އުސޫލާ ޚިލާފަށް ކަމަށެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ގަޒިއްޔާ އަކާ ހަވާލާދެއްވައި ޕީޖީ އޮފީހުން ވަނީ އެ ދައުވާއަކީ އެމްޑީޕީ އަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިޖުރައީ ނުކުތާއެއް ނަގާފަ އެވެ.

މިއަދު ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލީހަށް ޝެޑިއުލް ކޮށްފައި އޮތީ ޕީޖީ އޮފީހުން ނެގި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމުމެވެ.

ރައީސް ނަޝީދުގެ ޝަރީއަތް މިހާރު ހުއްޓިފައި ވަނީ ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރަކާ ގުޅިގެންނެވެ.