12 Jun 2013, 12:34
މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ޑީސަލާއި ޕެޓްރޯލުން ޖީއެސްޓީ ނެގުމަށް ހުށަހަޅާފައިވުމުން ސަރުކާރަށް ތާއިދު ކުރާ މެންބަރުންނާ އިދިކޮޅު އެންޑީޕީން އެކަމަށް ދެކޮޅު ހަދައިފި އެވެ.
މި އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުންދާ އަށް ޕަސެންޓު، 15 ޕަސެންޓަށް ބޮޑު ކުރުމަށް ސަރުކާރުން ފޮނުވި ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. އޭނާ ހުށަހެޅުއްވި ބިލުގައިވާ ގޮތުން ޖީއެސްޓީ ދައްކަން ނުޖެހޭ ބާވަތްތަކުން ނުވަތަ ސުންރޭޓުގައި ޖީއެސްޓީ ދައްކަން ޖެހޭ މުދަލާއި ހިދުމަތްތަކުގެ ލިސްޓުން ޑީސަލާއި ޕެޓްރޯލް އުނިކުރުމަށް ހުށަހަޅާފައިވެ އެވެ. އެ ލިސްޓުން ޑީސަލާއި ޕެޓްލޯލް އުނިކޮށްފި ނަމަ އެ ދެ ބާވަތްތަކުން ޖީއެސްޓީ ނަގަން ލާޒިމްވާނެ އެވެ.
ސަރުކާރުން ފޮނުވި ބިލް ސްޕޮންސާކުރި މެންބަރު ރިޔާޒު ރަޝީދު ވެސް ވަނީ އެ ބިލާމެދު ކަންބޮޑުވުންތަކެއް ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ޑީސަލާއި ޕެޓްރޯލުން ޖީއެސްޓީ ނަގާނަމަ އެ ތެލުގެ އަގު ކުޑަކުރަންޖެހޭނެ ކަމަށާއި ތެލުގެ އަގު ދަށްކޮށްގެން ނޫނީ ޖީއެސްޓީ ނަގައިގެން ނުވާނެ ކަމަށް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
"ޑީސަލާއި ޕެޓްރޯލުން ޖީއެސްޓީ ނެގޭ ކަމުގައި ވެއްޖެއްޔާ، ތެލަކީ ސަރުކާރުން ކޮންޓްރޯލް ކުރާ އެއްޗަކަށްވާތީ މިހާރު ހުރި އަގަށް ވުރެ ހެޔޮ އަގުގައި ތެލުގެ އަގު ގެންނަން ޖެހޭ ތިރިޔަށް. އެނޫން ގޮތަކަށް މިކަން ކުރާ ކަމުގައިވެއްޖެއްޔާ އަޅުގަނޑު މިކަމަކަށް ތާއިދު ނުކުރާނަން،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވީ ޓެކްސް ނިޒާމު ދިވެހިންގެ ތެރެއަށް ތައާރަފްވަމުން އަންނަ އިރު އާންމު ދިރިއުޅުމުގައި ބޭނުންވާ ތެލައި ޕެޓްރޯލުން ޓެކްސް ނެގުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"ޑީސަލުން އަޅުގަނޑުމެން ޖީއެސްޓީ ނަގާނެ ކަމެއް ނެތް. ޕެޓްރޯލުން ވެސް ނަގާނެ ކަމެއް ނެތް. އެއީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް، މި ކުރިއަށް އޮތް އަހަރުތަކުގައި ތަންކޮޅެއް ފަހުން އެފަދަ ކަންތައްތަކާ ދޭތެރޭ ވިސްނައި، ވިޔަފާރިތައް ވެސް އެފަދަ ޓެކްސްއަކަށް ރެޑީވެގެން އަންނަ އިރެއްގައި އެކަހަލަ ކަމެއް ކުރެވުނަސް، ކައިރި މުސްތަގުބަލެއްގައި ޓީސަލާއި ޕެޓްރޯލުން ޖީއެސްޓީ ނަގާ އެއްޗެހީގެ ގޮތުގައި ހިމެނުމަކީ އަޅުގަނޑުމެންނަށް ތާއިދު ކުރެވޭ ކަމެއް ނޫން،"
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެސް ވަނީ ޓީޖީއެސްޓީ ބޮޑު ކުރުމަށް ހުށަހެޅި ބިލުގައިވާ ބައެއް ކަންތައްތަކާ މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ އަތުން ޓެކްސް ނެގައިގެން ދައުލަތުގެ ހަރަދުތައް ކުޑަ ނުކުރާ ކަމުގައިވާ ނަމަ ޓެކްސް ނެގާ އަދަދު ބޮޑު ކުރުމަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.