ފާއިތުވި ވެރިކަމުގައި ރައީސް ނަޝީދު ރާއްޖޭގެ ޤާނޫނު އަސާސީއާއި ރާއްޖޭގެ ބައެއް ޤާނޫނުތަކާއި ޚިލާފަށް ބައިވަރު ކަންތައްތައް ކުރައްވާފައިވާ ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ހަމައެފަދައިން އެކަންކަމާއި ގުޅިގެން ރައީސް ނަޝީދު ޢަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށް ވެސް އަޅުގަނޑު ޤަބޫލުކުރަމެވެ. ޤާނޫނު އަސާސީގައި އޮންނަ ގޮތުން ޢަދުލުއިންޞާފުގެ ދާއިރާ އަކީ އެފަރާތުގެ މަސައްކަތާއި ނިންމުންތަކުގައި މުސްތަޤިއްލު ދާއިރާއަކަށްވުމާއި އެކު އެފަރާތުގެ ނިންމުން ތަކަށް އެހެން ފަރާތަކަށް އެއްވެސް ބާރެއް ނުފޯރެވޭނެ ކަމަށް ވެސް އަޅުގަނޑު ޤަބޫލުކުރަމެވެ.

ޢަދުލުއިންޞާފުގެ ދާއިރާއިން ނިންމަވާ ނިންމެވުމަކީ ތިމާގެ އަމިއްލަ ނަޒަރުންނާއި، ތިމާއަށް ލިބިފައިވާ މަޢުލޫމާތާއި، ޢިލްމަށް ރިޢާޔަތްކުރާއިރު ކިތަންމެ ޤަބޫލުކުރަން އުނދަގޫ ނިންމުމަކަށް ވިޔަސް، އެ ނިންމުމަކަށް ތަބަޢަވާން ޤާނޫނު ލާޒިމްކުރާނެ ކަމަށް ވެސް އަޅުގަނޑު ޤަބޫލުކުރަމެވެ. ރައީސް ނަޝީދު ޤާނޫނު އަސާސީ އާއި ރާއްޖޭގެ ބައެއް ޤާނޫނުތަކާއި ޚިލާފަށް ގިނަ ކަންތައްތަކެއް ކުރައްވާފައި އޮތްކަމަށް ސާބިތު ހެއްކާއި ޤަރީނާއިން އަޅުގަނޑުމެންނަށްް ފަރުދީގޮތުން ޔަޤީން ވިޔަސް، ޝަރީޢަތުން އެކަމާއި މެދު ގޮތެއް ނިންމެންދެން އަޅުގަނޑުމެންނަށް ބެލެވޭނީ އެއީ ރައީސް ނަޝީދާ މެދު ކުރެވޭ ތުހުމަތެއްގެ ގޮތުގައެެވެ. ނުވަތަ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވޭ އިލްޒާމެއްގެ ގޮތުގައެވެ. އެއީ ޤާނޫނު ބުނާގޮތެވެ.

ކަމަކާމެދު މީހަކަށް ފެންނަގޮތްް ނުވަތަ އެދޭގޮތް ހާމަކުރުމަކީ ޑެމޮކްރެޓިކް މުޖުތަމަޢެއްގައި ޤަބޫލުކުރާ އުޞޫލެކެވެ. ހުރިހާކަމެއްގައި ވެސް އޮންނަ ފަދައިން އެ ޚިޔާލަކަށް ތާއީދުކުރާ ބަޔަކާއި ދެކޮޅު ހަދާ ބަޔަކު އުޅޭނެއެވެ. މިއަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު އަށް ބައިވެރިވެވަޑައި ނުގެންނެވޭ ނަމަ އެއިންތިޚާބަކުން ލިބޭ ކާމިޔާބެއްގެ ފޮނިމީރުކަމެއް ނުއޮންނާނެ ކަމަށް އަޅުގަނޑު ދެންނެވީ އަޅުގަނޑުގެ ޚިޔާލެވެ. އެނިންމުމާއި ހަމައަށް އަޅުގަނޑަށް އާދެވުނީ އެފަދަކަންކަން އޮންނަގޮތާއި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބެލުމަށްފަހު ގައެވެ.

ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ވަޑައިގެންނެވޭނެ ކަހަލަ ގޮަތަކަށް އިޝާރާތެއް ކުރެވުނަސް ބައެއް ފަރާތްތަކުގެ ލޭ ކައްކުވާލައެވެ. ބަހާއި އަމަލުން ޑެމޮކްރަސީގެ އުޞޫލުތަކަށް ތާއީދުކުރާ މީހުން އަޅުގަނޑު ކުރިން ދެންނެވި ޚިޔާލަށް ތާއީދުކުރާނެއެވެ. ތެދުފުޅެކެވެ. ރައީސް ނަޝީދު އިންތިޚާބުގައި ބައިވެރިކުރުމަށް ޤާނޫނީ ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ރައީސް ނަޝީދު އިންތިޚާބުގައި ބައިވެރިނުކޮށްފިނަމަ އަންނާނެ ޑެމޮކްރެޓިކް ގޮންޖެހުންތައް ވެސް ކުޑައެއް ނުވާނެއެވެ. ރައީސް ނަޝީދުގެ ތިން އަހަރުދުވަހުގެ ވެރިކަމުގައި ހައްދަވާފައިވާ ހުރިހާ ޤާނޫނީ ގޯސްތަކާއި އެކުގައި ވެސް، މިއަދުގެ މަސްރަޙް އޮތް ގޮތުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭނެ ގޮތަށް އޮތުމަކީ މިވަގުތު ޤައުމަށް އެންމެ މަސްލަޙަތުހުރި ގޮތްކަމަށް އަޅުގަނޑު ދެކެމެވެ. ސަބަބުތައްް ދަންނަވާލާނަމެވެ.

ރައީސް ނަޝީދުއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ހަމަޖެހިގެން އިންތިޚާބު ނިމިއްޖެނަމަ އަޅުގަނޑުމެންނަށް ބައިނުލްއަޤްވާމީ ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެންމެ ފުރަތަމަ ކަމަކަށް ވާނީ އެ އިންތިޚާބަކީ ސައްޙަ އިންތިޚާބެއް ކަމަށް ބައިނުލްއަޤްވާމީ މުހިއްމު ފަރާތްތަކުން ބަލައިގަންނަން ދެކޮޅު ހަދާނެ ކަމެވެ. ކޮމަންވެލްތު އާއި އަދި އީޔޫގެ އޮބްޒަވަރުން ރާއްޖެ އައިސްތިބެ އިންތިޚާބު ހިނގަމުންދާ ގޮތް ބެލިއަސްއެވެ. އިންތިޚާބެއްގައި އެންމެ ވާދަވެރި އެއް ކެންޑިޑޭޓް އެކަހެރިކުރުމަށް ފަހު ބޭއްވޭ އިންތިޚާބުތައް ޑެމޮކްރެޓިކް މުޖްތަމަޢުތަކުން ބަލައިގަންނަން އުނދަގޫވާނެއެވެ. މިގޮތަށް އެފަރާތްތަކުން ތަރުޙީބުދޭނީ ކޮންމެހެން ރައީސް ނަޝީދުއަށް ތާއީދުކުރުމުގެ ގޮތަކުންނެއް ނޫނެވެ. އެފަރާތްތަކުން ޤަބޫލުކުރާ ޑެމޮކްރެޓިކް އޮނިގަނޑަށް ފައްތައިގެން އިންތިޚާބީ މަސައްކަތްތައް ކުރިއަށް ނުދިއުމުންނެވެ. ހުރިހާ ބައިވެރިންނަށް ފުރުޞަތުދީގެންނެވެ. ތެދުފުޅެކެވެ. ކޯޓަކުން ޙުކުމެއް ކޮށްފިނަމަ ސަރުކާރުން އެކަމަކާ މެދު ކުރާނެކަމެއް ނުއޮންނާނެއެވެ. ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް އެ ޙުކުމަކީ ސަރުކާރު އެދޭ ގޮތަށް ކުރެވުނު ޙުކުމެއް ކަމުގައި އެފަރާތްތަކުން ތުހުމަތު ކުރުމުގެ ފުރުޞަތު އެބައޮތެވެ. ރައީސް ނަޝީދު އާއި ނުލައި އިންތިޚާބު ބޭއްވުމަށް ކުރެވުނު ޙުކުމެއްގެ ގޮތުގައެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރަކު ސިޔާސީ ޙައްޤުތަކުން މަޙްރޫމުކުރުމަށްފަހު ޖަލަށް ލުމަށް ޙުކުމްކުރެވުނީ ޢާއްމު އިންތިޚާބުން އެޕާޓީ ނާކާމިޔާބުވުމަށް ފަހު ކުރެވުނު ދަޢުވާއެއްގެ ޝަރީޢަތުންނެވެ. އެއިރު އިންތިޚާބެއް ބޯމަތިވެފައެއް ނެތެވެ. ޔޫކުރޭންގެ ރައީސާ ޖަލަށް ލުމަށް ޙުކުމެއް ކުރެވުނީ ވެސް އިންތިޚާބަކުން އެކަމަނާ ނާކާމިޔާބުވުމަށް ފަހު އާ ސަރުކާރުން ހުށައެޅި މައްސަލައެއްގެ ޝަރީޢަތަށް ފަހުގައެވެ. އިންތިޚާބެއް ބޯމަތިވެފައެއް ނެތެވެ.

ޤާނޫނަށް ފުރައްސާރަ ކުރައްވާ، ޚުދުމުޚްތާރު ވެރިއަކަށް ރައީސް ނަޝީދު ބަދަލުވުމުގެ ކުރިން ރައީސް ނަޝީދު އުޅުއްވީ ވަރަށް ޙަރަކާތްތެރި، އޭރު ފެނުނުގޮތުގައި އިޚްލާސްތެރި، ޑެމޮކްރެޓިކް އެކްޓިވިސްޓެއްގެ ގޮތުގައެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގެ ތެރެއިން 25 އަކަށް އަހަރު ރައީސް ނަޝީދު ދުނިޔޭގެ ތަފާތު ޑެމޮކްރެޓިކް މުއައްސަސާތަކަށް ޝަކުވާގެ ސިޓީ ފޮނުއްވާފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެތަންތަނުގައި އޭރު މަސައްކަތްކުރި މީހުން މިހާރު ބަދަލުވެފައި ތިބެދާނެއެވެ. އެހެންނަމަވެސް ރެކޯޑް އޮންނާނެއެވެ. މިހެންވުމާއި އެކު ޑެމޮކްރެޓިކް އެކްޓިވިސްޓަކުން ޚުދުމުޚްތާރު، ޤާނޫނު އަސާސީ އަށް ބޯނުލަނބާ ވެރިއަކަށް ރައީސް ނަޝީދު ބަދަލުވެވަޑައިގަތަސް، އެ ފަރާތްތަކުގެ ތާއީދު ޑެމޮކްރަސީގެ ނަމުގައި ރައީސް ނަޝީދަށް ލިބިވަޑައިގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރަށް ރައީސް ނަޝީދު ހުޅަނގު ހައްލާލަން ގެންގުޅުއްވާ ރާއްޖޭގައި އިސްލާމިކް އެކްސްޓުރިޒަމް އޮންނަ ކަމުގެ ވާހަކަ ދައްކަވާ ސިޔާސަތަކީ ވެސް ރައީސް ނަޝީދަށް ހުޅަނގުގެ ހަމްދަރުދީ ލިބިގެންދާނެ ކަމެކެވެ. އިނގިރޭސި ވިލާތުގެ ބައެއް ފައްޅި އާއި ނުވަތަ ފާދިރީންނާއި ރައީސް ނަޝީދާއި ގާތްގުޅުމެއް އޮންނަ ކަމަށް ދެކެވޭ ވާހަކަ ތަކަކީ ޙަޤީޤަތަކަށް ވާނަމަ އެއީވެސް ރައީސް ނަޝީދަށް ތަރުޙީބު ހޯދުމަށް ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އިންތިޚާބަށް ކުރިމަތިލުމުގެ ކުޅިގަނޑަށް ބަލާލާއިރު ރައީސް ނަޝީދަށް މިވަގުތު ހުންނެވެނީ ވަރަށް ފައިދާކުރާނެ ހިސާބެއްގަ އެވެ. އެމަނިކުފާނަށް ޤާނޫނީގޮތުން ވެސް އިންތިޚާބާއި ކުރިމަތި ނުލެވޭނެ ގޮތެއް މެދުވެރިވެއްޖެނަމަ އެމަނިކުފާނުގެ އަމަލުތައް ހުންނަ ގޮތަށް ބަލާނަމަ އެމަނިކުފާނު އެންމެ ކުރައްވާ ހިތްޕުޅުވާ ކަންތައް ކުރެއްވުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނެއެވެ. ޤައުމުގައި ހަމަނުޖެހުން ހިންގުމެވެ. ކޮންމެވެސް ވަރަކަށް އެމަނިކުފާނުގެ ބިދޭސީ ރައްޓެހިންގެ ނުފޫޒު ބައިނުލްއަޤްވާމީ މުޖުތަމަޢަށް ފޯރާނެއެވެ.

ރައީސް ނަޝީދު އިންތިޚާބުގައި ބައިވެރިވެވަޑައިގެން އިންތިޚާބު ކާމިޔާބުކުރައްވައިފިނަމަ އެއީ ދިވެހި ރައްޔިތުންގެ ނިންމުމެވެ. އޭގެ މާނައެއް ކަމަށް ބެލެވޭނީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވަނީ ޚުދުމުޚްތާރު ވެރިއެއް ކަމަށެވެ. ޤާނޫނު އަސާސީއަށް ބޯނުލަނބާ، ބާރުތަކަށް އަރައިގަންނަ ވެރިއެކެވެ. މިހެން މިކަންކަން އޮތްކަމުގައި ވިޔަސް ރައީސް ނަޝީދާއި ނުލައި މިފަހަރު އިންތިޚާބެއް ބޭއްވިއްޖެނަމަ، އެ އިންތިޚާބެއްގެ ކާމިޔާބީއެއްގެ ޙަޤީޤީ ފޮނިކަމެއް ނުލިބޭނެއެވެ. ފޮނިކަމެއް ނުއޮންނާނެއެވެ.